ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރުން މަޖުބޫރުވާ ގޮތަށް، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ. މި އިސްލާހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރީ މިއަދުއެވެ.

ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައެވެ. އަދި އެ އެކައުންޓަކީ އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ވާންޖެހޭނެކަމަށްވެސް އިސްލާހުގައިވެއެވެ.

މި އާ އުސޫލަށް އަމަލުކުރަން ފަށާނީ، މި ހިނގާ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށް ގެޒެޓުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް ބިދޭސީންގެ މުސާރަ ބޭންކު މެދުވެރިކޮށް ދޭންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިއެވެ. އޭރު އެގޮތަށް މަޖުބޫރުކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން 3 ޕަސަންޓުގެ ރެމިޓެންސް ޓެކްސްއެއް ނެގުމަށެވެ. ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ، އެކައުންޓް ހުޅުވުމުގައި ދަތިތައް ކުރިމަތިވެ، އެކަމާ ގުޅިގެން ކުރާ ޖޫރިމަނާ ވަކި ހިސާބަކުން ވަނީ ހުއްޓާލާފައެވެ.