މިދިޔަ ހަފްތާގެ ތެރޭގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައިވާ ހަފްތާއެކެވެ.
އެ ސެންޓަރުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާގައި އެކަނިވެސް 39 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 457،776 ރުފިޔާ މީހުންގެ އަތުން ގެއްލިފައިވާއިރު، ކަމާބެހޭ އިދާރާތަކާއި ބޭންކުތައް ގުޅިގެން ކުރި މަސައްކަތުން ވަނީ 222،755 ރުފިޔާ އަނބުރާ ހޯދާފައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރިއާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ނުލިބުމުގެ 13 މައްސަލައަކާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމުގެ 10 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ގާތް މީހުންގެ ނަމުގައި މެސެޖުކޮށްގެން ފައިސާ ހޯދުމާއި، އިންވެސްޓްމަންޓް ސްކޭމްގެ މައްސަލަތައްވެސް ހިމެނެއެވެ.
"އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުން ފައިސާ ދެއްކުމަށް އިސްކަންދިނުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެއް. އަދި އެއްވެސް މީހަކާ ބޭންކިން މައުލޫމާތު ނުވަތަ އޯޓީޕީ ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން،" އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ބުންޏެވެ.
ފައިސާ ޖަމާކުރިކަމުގެ ސްކްރީންޝޮޓަށް އެކަނި ބަރޯސާނުވެ، ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ އެކައުންޓަށް ވަންތޯ ޔަގީންކުރުމަށްވެސް ވަނީ އެދިފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރާ ޕޭޖަކަށް ވުމަކީ އެއީ އިތުބާރު ހުރި ވިޔަފާރިއެއްކަމުގެ ޔަގީންކަމެއް ނޫންކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ބޭންކަށާއި ފުލުހުންނަށް ރިޕޯޓުކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް ފަސޭހަކުރުމުގެ ގޮތުން ފައިސާގެ މުއާމަލާތްތަކާއި ކުރެވިފައިވާ މެސެޖުތައް ރައްކާތެރިކޮށް ބެހެއްޓުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ.
