ދުނިޔޭގެ މިއުޒިކީ ދާއިރާގައި އެންމެ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ލެޖެންޑަރީ ކަންޓްރީ ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. މިއީ މިއުޒިކީ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

އޭނާ ވަނީ މިއުޒިކީ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 10 ގްރެމީ އެވޯޑް ހާސިލުކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާގެ 100 މިލިއަނަށް ވުރެ ގިނަ ރެކޯޑް ވިއްކާފައިވުން ހިމެނެއެވެ.

ލަވަކިޔުމުގެ އިތުރުން، އޭނާއަކީ ލަވަ ލިޔުންތެރިއެއް ވެސް މެއެވެ. އޭނާގެ ހަޔާތުގައި 3000 އަށް ވުރެ ގިނަ ލަވަ ލިޔެފައިވެއެވެ. ޑޮލީ ޕާޓަން އަމިއްލައަށް ދެކޭ ގޮތުގައި އޭނާއަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ލަވަ ލިޔުންތެރިއެކެވެ. މިކަމާ ގުޅޭގޮތުން އޭނާ ބުނެފައި ވަނީ، "އެއީ އަހަރެންގެ ޝުއޫރުތައް ފާޅުކުރާ ގޮތް. އެއީ އަހަރެންގެ ތެރަޕީ" ކަމަށެވެ.

ޑޮލީ ރެބެކާ ޕާޓަން އުފަންވީ 1946 ވަނަ އަހަރު، އެމެރިކާގެ ޓެނެސީގައެވެ. އޭނާ އުފަންވީ ފަގީރު ދަނޑުވެރި އާއިލާއަކަށް ކަމަށްވާއިރު، އޭނާއަކީ އެ އާއިލާގެ 12 ކުދިންގެ ތެރެއިން ހަތަރު ވަނަ ކުއްޖާއެވެ. އެ އާއިލާ ދިރިއުޅެމުން ދިޔައީ އެންމެ ކޮޓަރިއެއް ހުންނަ ކުޑަ ގެއެއްގައެވެ. މިއުޒިކީ ދާއިރާއަށް އޭނާ ނުކުތީ ވަރަށް ހަގު އުމުރުގައެވެ. އެގޮތުން، 1959 ވަނަ އަހަރު، އުމުރުން އެންމެ 13 އަހަރުގައި އޭނާ ވަނީ ކަންޓްރީ މިއުޒިކްގެ އެންމެ ބޮޑު ސްޓޭޖް ކަމަށްވާ ނޭޝްވިލްގެ ގްރޭންޑް އޯލް އޮޕްރީގައި ލައިވްކޮށް ޕާފޯމްކޮށްފައެވެ.

ފަގީރު ދިރިއުޅުމަކުން ފެށިގެން އައިސް، ދުނިޔޭގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު ޑޮލީ ޕާޓަންގެ ވަކިވުމަކީ، މުޅި ދުނިޔޭގެ މިއުޒިކަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.