މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ހަގު ދަރިފުޅު، އުމުރުން 19 އަހަރުގެ ޖޭޑަން ޖޭމްސް، ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ މެކް ކޮސްމެޓިކްސްގެ އެންބެސެޑަރަކަށް ވެއްޖެއެވެ. މެކް އިން އަލުން ފަށާފައިވާ އެ ކުންފުނީގެ ޑިޖިޓަލް މެގަޒިން "މެކްޒީން" ގެ ކަވަރު ސްޓާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖޭޑަންއެވެ.

މި ކެމްޕެއިންގެ ފޮޓޯތަކުގައި ޖޭޑަން ފެންނަނީ މެކްގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ފިކްސް ޕްލަސް" ސެޓިން ސްޕްރޭއާ އެކުގައެވެ. މެކް އިން ޖޭޑަން ސިފަކުރަނީ ގިނަ ހުނަރުތަކެއް ލިބިފައިވާ އަރަމުން އަންނަ ޒުވާން ފަންނާނެއްގެ ގޮތުގައެވެ. އޭނާއަކީ ޕިއާނިސްޓެއްގެ އިތުރުން މިއުޒީޝަނެކެވެ.

މެކްގެ މި ބޮޑު ކެމްޕެއިނުން ޖޭޑަން ފުރުސަތު ހޯދާފައި މިވަނީ، ފެޝަން ދުނިޔެއަށް އޭނާ ތައާރަފުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ދާދި ފަހުން ބޭއްވި ޕެރިސް މެންސް ފެޝަން ވީކްގައި، "ވެޓްމެންޓްސް" ބްރޭންޑަށް އޭނާގެ ބޭބެ ޝޯން ޕްރެސްޓަންއާ އެކު ރަންވޭގައި ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.