އެސްޓަން ވިލާ އަށް ކުޅެމުންއައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް، ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެއެވެ.
އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ގްރީލިޝް މިރޭ ވަނީ ސިޓީއާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އުމުރުން 25 އަހަރުގެ ގްރީލިޝް ގެންނަން ސިޓީން ވަނީ 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް އެސްޓަން ވިލާ އަށް ދައްކާފައެވެ.
މިއާއެކު، ގްރީލިޝް ވެފައިވަނީ މިހާތަނަށް ކްލަބު ބަދަލުކުރި ނުވަވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
އުމުރުން އެންމެ ހަ އަހަރުގައި އެސްޓަން ވިލާގެ އެކަޑަމީއާ ގުޅުނު ގްރީލިޝް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ނޮޓްސް ކައުންޓީ އަށް ކުޅެފައެވެ.
ރިޕަބްލިކް އޮފް އަޔަލެންޑްގެ އެކި އުމުރު ފުރައިގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ ގްރީލިޝް ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 12 މެޗު ކުޅެފައެވެ. އަދި އެސްޓަން ވިލާ އަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ޖަހާފައިވެއެވެ.
ގްރީލިޝް، ސިޓީގެ ޖާޒީގައި ފެނިގެންދާނެ ފުރަތަަމަ މެޗަކަށް ވާނީ ސީޒަން ފެށުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ވެމްބްލީގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކޮމިއުނިޓީ ޝީލްޑްގައި ކުޅޭ މެޗެވެ.
