އަޅުގަނޑުމެން ޢާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތަކުގެ އަސަރު، ބޭސް ކެއުން ހުއްޓާލުމަށްފަހުވެސް ގިނަ ދުވަސްތަކެއް ވަންދެން ބަނޑާއި ގޮހޮރުގެ ސިއްޙަތަށް ފޯރާފާނެކަން އެސްޓޯނިއަން ރިސާޗް ކައުންސިލުން ހެދި އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. 2،500 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ގޮހޮރުގައި ދިރިއުޅޭ ފައިދާހުރި ބެކްޓީރިއާތަކުގެ ނިޒާމު ނުވަތަ "މައިކްރޯބައޯމް" އަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި މި ބަދަލުތަކުގެ އަސަރު ބޭސް ބޭނުންކުރުން ހުއްޓާލާތާ އަހަރުތަކެއް ފަހުންވެސް ދެމިހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ގޮހޮރުގެ މައިކްރޯބައޯމްއަށް ބަދަލު އަންނަނީ ހަމައެކަނި އެންޓިބަޔޮޓިކްސް ބޭނުންކުރުމަކުން ނޫނެވެ. ކަންބޮޑުވުމާއި ނަފްސާނީ ބަލިތަކަށްދޭ އެންޓިޑިޕްރެސެންޓްސް، ލޭގެ ޕްރެޝަރު ކަންޓްރޯލްކުރާ ބީޓާ-ބްލޮކާސް، ބަނޑުގައި އެސިޑް އުފެދުން ކުޑަކުރާ ބޭސްތައް އަދި ނިދުމަށާއި ކަންބޮޑުވުމަށްދޭ ބެންޒޯޑިއަޒެޕައިންސް ފަދަ ޢާންމު ބޭސްތަކުގެ ސަބަބުންވެސް ގޮހޮރުގެ ބެކްޓީރިއާތަކަށް ދިގު މުއްދަތުގެ ބަދަލުތައް އާދެއެވެ. މިއީ ސިއްޙީ ދާއިރާގެ މާހިރުންގެ ސަމާލުކަމަށް އައިސްފައިވާ މުހިންމު ކަމެކެވެ.
ގޮހޮރުގައި ދިރިއުޅޭ ބެކްޓީރިއާތަކަކީ ހަމައެކަނި ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ. މިއީ މުޅި އިންސާނާގެ ދިފާއީ ނިޒާމާއި، ހަށިގަނޑުގެ މެޓަބޮލިޒަމް އަދި ނަފްސާނީ ސިއްޙަތާވެސް ސީދާ ގުޅިފައިވާ ނިޒާމެކެވެ. އެހެންކަމުން، މާޒީގައި ބޭނުންކޮށްފައިވާ ބޭސްތަކުގެ ސަބަބުން މި ބެކްޓީރިއާތަކުގެ ބެލެންސް ގެއްލިގެން ދިއުމަކީ، ދިގު މުއްދަތަކަށް ސިއްޙީ ތަފާތު މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމެއްގެ ގޮތުގައި ސައިންސްވެރިން ބުނެއެވެ.
މި ދިރާސާއިން އެނގިގެންދަނީ ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި މެނުވީ ބޭސް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަމެވެ. ޚާއްޞަކޮށް ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އަމިއްލައަށް ބޭސް ކެއުމާއި، ކުދިކުދި ކަންކަމުގައި ގަވާއިދުން ބޭސް ބޭނުންކުރުމަކީ މުސްތަޤްބަލުގައި ގޮހޮރުގެ ސިއްޙަތަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. މިއަދު އަޅުގަނޑުމެން ބޭނުންކުރާ ބޭހެއްގެ އަސަރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ހަށިގަނޑުގައި ދެމިހުރެދާނެކަން ހަނދާންބެހެއްޓުން މުހިންމެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
