ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި، ޓޮމް ކުރޫޒް، އޭނާގެ ފިލްމީ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔަ ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމަށާއި، އަލުން ކައިވެންޏެއް ކުރުމުގެ އުންމީދުގައި ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އުމުރުން މިހާރު 60 އަހަރުން މަތިވެފައި ވީނަމަވެސް، އޭނާ އަދިވެސް ބޭނުންވަނީ ތެދުވެރި ލޯބިވެރިޔަކު ހޯދައި، ހަމަޖެހޭ އާއިލީ ދިރިއުޅުމެއް އުޅުމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޓޮމް ކުރޫޒް މިވަގުތު ހުރީ އަމިއްލަ ދިރިއުޅުމާމެދު ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާއާ ގާތް ފަރާތްތަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި، ކެރިއަރު ކިތަންމެ ރަނގަޅަށް ދިޔަ ނަމަވެސް، ބައިވެރިޔަކު ނެތުމުގެ އިހުސާސް އޭނާއަށް ވަރަށް ބޮޑަށް ކުރެވެއެވެ. ޓޮމް ކުރޫޒް މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކައިވެނިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ނިކޯލް ކިޑްމަން އާއި ކޭޓީ ހޯމްސް ހިމެނެއެވެ. 2012 ވަނަ އަހަރު ކޭޓީ ހޯމްސްއާ ވަރިވި ފަހުން އޭނާ ހުންނަނީ ސިންގަލްކޮށެވެ.

ޓޮމް ކުރޫޒް ފަދަ މަޝްހޫރު އަދި ބުރަކޮށް މަސައްކަތްކުރާ ތަރިޔަކަށް އެކަށީގެންވާ ބައިވެރިޔަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާގެ ފިލްމުތަކުގެ ޝޫޓިންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ޖެހުމާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ގުޅުމެއް ދަމަހައްޓަން އުނދަގޫވަނީ ކަމަށް ވެދާނެއެވެ. އޭނާ ބޭނުންވަނީ އޭނާގެ މި ބުރަ ދިރިއުޅުން ދަނެ، އެކަމަށް އިހުތިރާމް ކުރާނެ އަދި އޭނާގެ ގަބޫލުކުރުންތަކާ އެއްގޮތަށް އުޅެވޭނެ ބައިވެރިއެކެވެ.

އެންމެ ފަހުން ކައިވެނި ރޫޅުނު ފަހުން، ޓޮމް ކުރޫޒްގެ ނަން އެކި ފަރާތްތަކާ ގުޅުުވައިގެން މީޑިއާގައި އަޑުތައް ފެތުރުނު ނަމަވެސް، ސީރިއަސް ގުޅުމެއް އުފެދިފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭނާ ދޭތެރެއަކުން ޑޭޓްތަކަށް ދެއެވެ. ނަމަވެސް، އޭނާ ހޯދަމުން ދަނީ ވަގުތީ އުފަލެއް ނޫން ކަމަށާއި، ދިގު މުއްދަތަކަށް ދެމިގެންދާނެ ވަރުގަދަ، ތެދުވެރި ގުޅުމެއް ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ.

މިހާރު އޭނާގެ ހުރިހާ ވެސް އުންމީދަކީ، އަލުން ލޯބިވެރިޔަކު ހޯދައި، ކައިވެންޏެއް ކުރުން ކަމަށް އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނުނު ނަމަވެސް، އޭނާ ބޭނުންވަނީ އާންމު ދިރިއުޅުމެއްގައި ބައިވެރިޔަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަމަށް ވެއެވެ. އުމުރުގެ ބާކީ އޮތް ބައި ހޭދަކުރަން ބޭނުންވަނީ ލޯބިވާ މީހަކާއެކުގައި ކަމަށް ޓޮމް ކުރޫޒް ގަބޫލުކުރެއެވެ.