ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކުގެ ވާހަކައަކީ މިހާރު އާންމު ވާހަކައެކެވެ. ނަމަވެސް، ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ޖައްވު ހޫނުވުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމުގައިވާ ކާބަން ޑައިޮކްސައިޑް (ސީއޯ2) ގެ މިންވަަރު ޖައްވުގައި މަތިވުމަކީ އިންސާނާގެ ސިއްހަތަށް ސީދާގޮތެއްގައި ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. މިގޮތުން، މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ވިސްނުން ކޮށިވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

"އެއާ ކޮލިޓީ، އެޓްމޮސްފިއާ އެންޑް ހެލްތު" ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފައިވަނީ ޖައްވުގައި ހުންނަ ކާބަން ޑައިޮކްސައިޑްގެ މިންވަަރު އިތުރުވެ، ޖައްވުގެ ކެމިސްޓްރީއަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ލޭގެ ކެމިސްޓްރީ ބަދަލުވުމަށް މަގުފަހިވެދާނެ ކަމަށެވެ. ނޭވާލުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވަންނަ ކާބަންގެ މިންވަަރު އިތުރުވުމުން، އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކަށް ކުރެއެވެ.

މި ދިރާސާތަކުން ދައްކާ ގޮތުގައި މަތީ މިންވަރަކަށް ސީއޯ2 ހުންނަ މާހައުލެއްގައި އުޅުމުން ވަގުތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ކަމަކަށް ސަމާލުކަން ދިނުމުގެ ގާބިލުކަން ކުޑަވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ކަންކަމުގައި ގޮތް ނިންމުމަށް އުނދަގޫވެ، ވިސްނުމުގެ ބާރު ދަށްވުމަކީވެސް މިކަމުގެ ސަބަބުން ދިމާވާ ވަރަށް އާންމު އަލާމާތްތަކެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

ކާޓިން ޔުނިވާސިޓީގެ އެންވަޔަރަމެންޓަލް ހެލްތު ސައިންޓިސްޓެއް ކަމަށްވާ އެލެގްޒެންޑާ ލާކޮމްބް ވިދާޅުވި ގޮތުގައި، ޖައްވުގައި ސީއޯ2 މަތިވުމުގެ މާނައަކީ ބޮލުގައި ރިއްސުމާއި، ވަރުބަލިކަން އިހުސާސްވުމާއި، އަދި ސަމާލުކަން ކުޑަވުން ފަދަ ކަންކަން މެދުވެރިވުމެވެ. މިއީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންކަމެއް ނޫންކަމާއި، މިއީ ލޭގެ ހިނގުމަށާއި ސިކުނޑީގެ މަސައްކަތަށް ކުރާ ނޭދެވޭ އަސަރުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންސާނުންގެ އިތުރުން ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ދިގު މުއްދަތުގެ ދިރާސާތަކުން އިތުރު ނުރައްކާތައް ވަނީ ފެނިފައެވެ. އެގޮތުން، ގިނަ ދުވަސް ވަންދެން މަތީ މިންވަރަކަށް ސީއޯ2 އަށް ހުށަހެޅުމުން ހަށިގަނޑުގައި "އޮކްސިޑޭޓިވް ސްޓްރެސް" އުފެދި، އިންފްލެމޭޝަން ނުވަތަ ދުޅަ އުފެދުމަށް މެދުވެރިވެއެވެ. މީގެ އިތުރުން ކިޑްނީއާއި ލޭ ހޮޅިތައް ހަރުވުމާއި، ކަށިތަކަށްވެސް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން އިންޒާރުދެއެވެ.

މި ހޯދުންތަކުން އެނގެނީ ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމެވެ. މިއީ އާންމު ސިއްހަތާ ސީދާ ގުޅިފައިވާ ބޮޑު ނުރައްކަލެއް ކަމަށާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން މި ދިރާސާތަކުން އިތުރަށް ކަށަވަރުކޮށްދެއެވެ.