ބައިނަލްއަގްވާމީ ރީތީގެ ރާނީ ހޮވުމަށް ބާއްވާ މިސް ވޯލްޑް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ މަރިޔަމް އީމާ މުހައްމަދު، އެ މުބާރާތުގެ ސްޓޭޖުގައި ރާއްޖޭގެ ތިމާވެއްޓާއި ރަށްތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަރުގަދަ މެސެޖެއް ދީފިއެވެ. އީމާ މި ވާހަކަތައް ދައްކާފައިވަނީ މުބާރާތުގެ "ހެޑް ޓު ހެޑް ޗެލެންޖް" ގެ ފުރަތަމަ ބުރުގައެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ތިރިކޮށް އޮތް ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ރާއްޖޭގެ ރަށްތަކުގެ އެވްރެޖް އުސްމިނުގައި ހުންނަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން ގާތްގަނޑަކަށް 1.5 މީޓަރެވެ. ކަނޑުގެ ވަށައިގެން އުފެދިފައިވާ މި ޖަޒީރާ ގައުމުގެ ރީތިކަމާ އެއްވަރަށް، މި ތަންތަން ހިމާޔަތްކުރުމުގެ ޒިންމާ ބޮޑުކަން އީމާ ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން، ރަށްތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތައް ހިމާޔަތްކުރުމަށް ދުޅަހެޔޮ ފަރުތަކުގެ މުހިންމުކަން ހާމަވެގެން ދިޔަކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގައި އީމާ ކުރިއަށްގެންދާ "ބިއުޓީ ވިތު އަ ޕާޕަސް" ޕްރޮޖެކްޓް ބިނާކޮށްފައިވަނީވެސް ތިމާވެށި ހިމާޔަތްކުރުމުގެ މައްޗަށެވެ. މިގޮތުން "ސޭވް ދަ ބީޗް މޯލްޑިވްސް" އާ ގުޅިގެން ވ. އަތޮޅުގައި ފަރުތައް އާލާކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޭނާ ވަނީ ރާވާފައެވެ. މީގެ ތެރޭގައި މުރަކަ އިންދުމާއި، ރަށްރަށުގެ އާންމުންނާ ގުޅިގެން ކުނި މަދުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
އީމާގެ މެސެޖުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަކީ ވަކި ބައެއްގެ ޒިންމާއެއް ނޫންކަމެވެ. އެއީ ސައިންސްވެރިންނާއި ސަރުކާރުތަކުގެ އިތުރުން، މަސްވެރިންނާއި، ކިޔަވާ ކުދިންނާއި އަދި އާންމު ފަރުދުންގެވެސް ޒިންމާއެއްކަމަށް އޭނާ ދެކެއެވެ. މޫދަށް އުކާލާ ޕްލާސްޓިކް މަދުކުރުމާއި، އާލާކުރާ ކޮންމެ ފަރަކީ މުސްތަގުބަލު ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ދުނިޔޭގެ ބޮޑު ސްޓޭޖެއްގައި ރާއްޖޭގެ އަޑު އުުފުލަމުން އީމާ ބުނެފައިވަނީ، ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން ރީތި މަންޒިލެއް ނޫން ކަމަށާއި، މިއީ ހިމާޔަތްކުރަންޖެހޭ ވަަޒަނެއް ކަމަށެވެ. އަދި އެންމެ ބޮޑު ތަރިކައަކީ މިއަދު ފެންނަން އޮތް ރީތި ރަށެއް ނޫން ކަމަށާއި، ހަގީގީ ތަރިކައަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ސަލާމަތުން އޮންނަ ރަށެއްކަމަށް އީމާ ވަނީ ވަރަށް އަސަރާއެކު ފާހަގަކޮށްފައެވެ.
