މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ހާއްސަ އޮފީހެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިކަން ފާސްކޮށްފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އެއްގަމު ދަތުރުފަތުރާ ބެހޭ އާ ބިލުގެ ތެރެއިންނެވެ.
ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ޒަމާނީ މިންގަނޑުތަކަށް ފެއްތުމަށް ހުށަހެޅި މި ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ނިޒާމު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އޮފީހެއް އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ހާއްސަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރެވޭނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 20 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
މި ބިލުގައި އެއްގަމު ދަތުރުފަތުރާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކެނޑޭ ނިޒާމެއް ތައާރަފުކުރުމާއި، ޖޫރިމަނާ ފައިސާ 5000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ލައިސަންސް ހިފެހެއްޓުން ހިމެނެއެވެ. އަދި އިންޓަނޭޝަނަލް މުއާހަދާތަކުގައި ބައިވެރިވެފައިވާ ގައުމުތަކުގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް ރާއްޖޭގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި އާ ބިލާއެކު ދަތުރުފަތުރާ ގުޅުންހުރި މިނިސްޓްރީއަށް ލަފާދޭ ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފައްދާނެއެވެ. މިއާއެކު ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާވައި ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
