ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ ޓީޓީއެމް މޯލްޑިވްސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އުރީދޫއިން ބުނެފައި ވަނީ، ރާއްޖޭގެ މުވާސަލާތީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއްގެ ގޮތުން، ޓޫރިޒަމް ދާއިރާއަށް ހާއްސަ ގިނަ ހިދުމަތްތަކެއް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މެނޭޖްޑް ސާވިސަސް އާއި ހޯސްޓެޑް ސޮލިއުޝަންސްގެ އިތުރުން އެންމެ ފަހުގެ ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ 10 ވަނަ އަހަރެވެ. މި އަހަރުގެ ޝޯ ތާވަލުކޮށްފައި ވަނީ މި ހިނގާ މަހުގެ 26 އިން 27 އަށެވެ. ޝޯގެ ތެރެއިން ކުރިއަށް ގެންދާ "ޓީޓީއެމް ކަނެކްޓް މީޓިންގްސް" ބާއްވަން ހަމަޖެހިފައި ވަނީ ބާސެލޯ ނަސަންދުރާގައެވެ. އަދި "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" ނައިޓް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި ފަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ 120 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓަލުން ބައިވެރިވާނެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 30 މާކެޓަކުން 250 އަށް ވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޝޯ ނިންމާލުމުގެ ގޮތުން ބާއްވާ ގާލާ ނައިޓްގައި، މި އަހަރުގެ އެވޯޑްތައް ހާސިލުކުރާ ފަރާތްތައް އިއުލާންކުރުން އޮންނާނެއެވެ. އަދި ޓޫރިޒަމް ސިނާއަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް މި ހަފުލާގައި ފާހަގަކުރާނެއެވެ.