ދިވެހި ބާޒާރުގައި ކުކުޅުބިސް ލިބުން ދަތިވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ބޭނުންވާ ވަރަށް ބިސް އެބަހުރި ކަމަށާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ ބައެއް އާންމު ފިހާރަތަކުން މިހާރު ކުކުޅުބިސް ވިއްކަމުން ދަނީ ކޮންޓްރޯލްކޮށްގެންނެވެ. ބިސް ލިބުން ދަތިކަމަށް ބުނެ، ބައެއް ތަންތަނުން މީހަކަށް ބިސް ޓްރޭއެއް ވިއްކާއިރު، އަނެއްބައި ފިހާރަތަކުން ވިއްކަނީ މީހަކަށް 10 ބިސް ނުވަތަ 20 ބިހެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ ރާއްޖެއަށް ބޭނުންވާ ވަރަށް އެ ކުންފުނީގެ ގުދަންތަކުގައި ބިސް ލިބެން އެބަހުރި ކަމަށެވެ. އަދި އެ ކުންފުނިން ފިހާރަތަކަށް ބިސް ދޫކުރުމުގައި އެއްވެސް ކޮންޓްރޯލެއް ގެންގުޅެމުން ނުދާ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައެވެ.

ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓު ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އެގޮތުން މައިގަނޑު ބާވަތްތަކުގެ އިތުރުން، އިތުރު 23 ބާވަތެއް މި ލިސްޓުގައި ހިމަނައި، މި މަހުގެ ތެރޭގައި ވަނީ ހެޔޮ އަގުގައި ބާޒާރަށް ނެރެން ފަށާފައެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި ދުރު ރާސްތާ ޕްލޭންތަކެއް ސަރުކާރުން ގެންގުޅެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުކުޅު އާލާކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފެށުމާއި، ދަނޑުވެރިކަން ކުރުމަށް ރާއްޖެއިން ބޭރުން ބިން ހޯދުމުގެ ވިސްނުން ގެންގުޅުއްވާކަން އިކޮނޮމިކް މިނިސްޓަރު ވަނީ ކުރިން ހާމަކުރައްވާފައެވެ.