މަޔާމީ އަށް ދަތުރުކުރި ފްރޮންޓިއާ މަންތިންތާ ބޯޓެއްގައި ދަތުރުކުރި ފަސިންޖަރެއްގެ ގައިގައި ޓޭޕު އަޅައިފިއެވެ. އޭނާ ވަނީ ޓޭޕު އަޅާ ގޮނޑިއާއި އެކު ބަނދެލާފައެވެ.

އުމުރުން 22 އަހަރުގެ މެކްސަވެލް ވިލްކިންސަން ނަމަކަށް ކިޔާ މި ޒުވާނާ ވަނީ މަތިންދާ ބޯޓުތެރޭ ހަމަ ނުޖެހުން ހިންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ މަތިންދާ ބޯޓުގެ ދެ ކެބިން ކުރޫއިންނަށް ފުރައްސާރަ ކޮށްފައެވެ. އެ ދެ ކެބިން ކުރޫއިންނަކީ ދެ އަންހެން ކެބިން ކުރޫއިންނެވެ. އަދި އޭނާގެ އެ އަމަލު ހުއްޓުވުމަށް އޭނާގެ ކައިރިއަށް ދިޔަ އެހެން ފިރިހެނަކަށް އޭނާ ވަނީ ހަމަލާދީ މާރާމާރީ ހިންގާފައެވެ.

އެއާއިއެކު އޭނާ ވަނީ ބޯޓުތެރޭގައި އަޑުގަދަކޮށް ހަޅޭވެސް ލަވާފައެވެ. ރިޕޯޓުތައް ބުނާގޮތުން މަތިންދާބޯޓުގައި ތިބި އެހެން ފަސިންޖަރުންގެ އެހީއާއި އެކު އޭނާ ވަނީ ހިފަހައްޓާ މައިތިރިކޮށްފައެވެ. އަދި ޕައިލެޓުގެ އިރުޝާދާއި އެއްގޮތަށް އޭނާގެ އަނގަ ބަންދުކޮށް، ތެ އަތާއި ދެފައި އައްސާ، މަތިންދާބޯޓުގެ ސީޓާއި އެއްކޮށް އޭނާ ވަނީ ޑަކްޓްޓޭޕުން ބަނދެލާފައެވެ. 

މިއާމީގެ އެއާޕޯޓަށް ބޯޓު ޖެއްސުމާއި އެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެވަގުތު ހުރީ މަސްތުގެ ހާލުގައި ކަމަށާއި، މަތިންދާ ބޯޓެއް ތެރޭ މަސްތުވާތެކި ބޭނުން ކުރުން މަނާ އިރު، އޭނާ އެކަން ކުރިގޮތެއް އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.