ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުން މަޖުބޫރުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ. ބިލުގައިވާ ގޮތުން ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ މި އައު އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، އެންމެ ފުރަތަމަ ބިލު އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރާ ގޮތަށެވެ. އޭގެ ފަހުން ރިސޯޓުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރާ ގޮތަށް ބަދަލުކުރުމަށްފަހު، ތަޅުމުން އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، މިހާރު ފާސްކޮށްފައިވަނީ ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށެވެ.
މި ބިލުގައި ރިސޯޓުތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އެހެން ވިޔަފާރިތަކަށް ވެސް ޑޮލަރު މާރުކުރުން ލާޒިމުކޮށްފައިވެއެވެ. އެގޮތުން ޓޫރިސްޓު ހޮޓާތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެއެވެ. އަދި އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ވެސް އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭއިރު، އެއީ ސަތޭކަ ޕަސެންޓު ދިވެހިންގެ ވިޔަފާރިއެއް ނަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ 7 ޕަސެންޓެވެ.
މި ބަދަލާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދާދި ފަހުން ވިދާޅުވެފައިވަނީ، ގާނޫނުގައި ކުރިން އޮތް 20 ޕަސެންޓް، 40 ޕަސެންޓަށް މަތިކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ގެނެވޭ މުހިންމު ބަދަލެއް ކަމަށެވެ. އަދި މިއީ ބޭންކުތައް މެދުވެރިކޮށް ޓީޓީ ހެދުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
