މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފާއިތުވި ހަފްތާގެ ތެރޭގައި 23،500 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފިއެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ މި ހިނގާ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 އިން 22 އަށް ހޭދަވި ހަފްތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގައި ޖުމްލަ 23،587.23 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކޮންޓެއިނަރު މެދުވެރިކޮށް އެތެރެކުރި މުދަލެވެ. އެގޮތުން ކޮންޓެއިނަރު ބޯޓުތަކުން 21،090.70 ޓަނުގެ މުދާ ކްލިއާކޮށްފައިވާއިރު، ޖެނެރަލް ކާގޯ ބޯޓުތަކުން ކްލިއާކޮށްފައިވަނީ 2،496.53 ޓަނުގެ މުދަލެވެ.

މީގެއިތުރުން، އެ ހަފްތާގެ ތެރޭގައި ކްލިއާކުރި ކޮންސައިންމަންޓްތަކުގެ އަދަދުތަކަށް ބަލާއިރު، ޖުމްލަ 1،018 ކޮންސައިންމަންޓް ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުތަކުން ކްލިއާކުރި 656 ކޮންސައިންމަންޓާއި، ޖެނެރަލް ކާގޯގެ ގޮތުގައި ދޫކުރި 362 ކޮންސައިންމަންޓެވެ.

ވޭތުވެދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރަށް ވަދެނުކުތް ބޯޓުފަހަރުގެ މައުލޫމާތުވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ މުއްދަތުގައި ޖުމްލަ 9 ބޯޓު ވަނީ ބަނދަރަށް ވަދެފައެވެ. އެއީ 4 ކޮންޓެއިނަރު ބޯޓާއި 5 ޖެނެރަލް ކާގޯ ބޯޓެވެ. އަދި ހަމަ އެ ހަފްތާގެ ތެރޭގައި 2 ކޮންޓެއިނަރު ބޯޓާއި 5 ޖެނެރަލް ކާގޯ ބޯޓާއެކު ޖުމްލަ 7 ބޯޓު ވަނީ ރާއްޖެއިން ފުރާފައެވެ.