މޫދަށް އެރޭ ކޮންމެ ފަހަރަކު ކަނޑުގެ ލޮނުކަން އަހަރެމެންނަށް އިހުސާސްވެއެވެ. ނަމަވެސް ކަނޑަށް އެޅޭ ކޯރުތަކުގެ ފެން މީރު ފެނުގެ ގޮތުގައި ހުންނަނީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ. މީގެ އަސްލު ގުޅިފައިވަނީ ވާރޭ ފެނާއެވެ. ވާރޭ ވެހޭއިރު ވައިގެ ތެރޭގައި ހުންނަ ކާބަންޑައިއޮކްސައިޑް އެކުވުމުން އެ ފެނުގައި ކުޑަ އެސިޑް ކަމެއް ހުރެއެވެ. މި ފެން ފަރުބަދަތަކަށާއި ހިލަތަކަށް އެޅުމުން އެ ހިލަތައް ގިރި، އޭގައި ހިމެނޭ ސޯޑިއަމް ފަދަ މާއްދާތައް ފެނާ އެކުވެއެވެ.
މިގޮތަށް ގިރިގެންދާ މާއްދާތައް އެކުލެވޭ ފެން ދަތުރުކުރަނީ ކޯރުތަކަށެވެ. ކޯރުތަކުގެ ފެނުގައިވެސް ލޮނުގެ މާއްދާތައް އެކުލެވުނު ނަމަވެސް، އޭގެ މިންވަރު މަދުކަމުން އިންސާނުންގެ ދުލަށް އޭގެ ލޮނުކަން ނޭނގެނީއެވެ. ކޯރުތަކުން ގޮސް ކަނޑަށް މި ފެން އެޅޭއިރު، އަވީގެ ހޫނުން ކަނޑުގެ ފެން އާވިއަށް ވެގެން މައްޗަށް އެރި ނަމަވެސް، ލޮނުގެ މާއްދާތައް ކަނޑުގައި ބާކީވެއެވެ. އެތައް ބިލިއަން އަހަރެއް ވަންދެން މިގޮތަށް ކޯރުތަކުން ކަނޑަށް މާއްދާތައް ޖަމާވެ، ފެން އާވިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް ލޮނުވީއެެވެ.
ކަނޑުގެ ލޮނުގައި ހިމެނޭ އަނެއް މާއްދާ ކަމަށްވާ ކްލޯރައިޑް އުފެދިފައިވަނީ މީގެ އެތައް ބިލިއަން އަހަރެއް ކުރިން ގޮވި އަލިފާން ފަރުބަދަތަކުން ބޭރުވި ގޭސްތަކުންނާއި، ކަނޑުގެ އަޑީގައި ހުންނަ ހޫނު ފެން ބޭރުކުރާ ލޯވަޅުތަކުންނެވެ. ކޯރުތަކުންނާއި ކަނޑު އަޑީގެ މި ލޯވަޅުތަކުން ކޮންމެ ދުވަހަކު ކަނޑަށް ލޮނުގެ މާއްދާތައް އިތުރުކުރަމުން ދިޔަ ނަމަވެސް، ކަނޑުގެ ލޮނުކަން އިތުރަކަށް ނުވެއެވެ. އޭގެ ސަބަބަކީ ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކުން އެސޮރުމެންގެ ބޭރު ތޮށިގަނޑު ހެދުމަށް މި މާއްދާތައް ބޭނުންކުރުމާއި، ބައެއް މާއްދާތައް ކަނޑުގެ އަޑީގެ ހިލަތަކުގެ ތެރޭގައި ތާށިވުމެވެ. މިކަމުގެ ސަބަބުން ކަނޑުގެ ލޮނުކަން އަބަދުވެސް ހުންނަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
