މި ހަފްތާގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން 29.3 ޕަސަންޓަކީ ކުކުޅު ބިސް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ. އެއީ ޖުމްލަ 14،790 ކޭހުގެ ބިހެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 22 އިން 26 އަށް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ޓާމިނަލް މެދުވެރިކޮށް އަވަހަށް ހަލާކުވާ ޒާތުގެ 1695 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަކޮށްފައެވެ. މީގެ ތެރޭގައި 497 ފްރައިޓް ޓަނުގެ ބިސް ހިމެނެއެވެ.

ބާޒާރުގައި ބިސް ލިބެން ނެތް ކަމަށާއި، ބިސް ހުސްވެގެން ކޮންޓްރޯލް ކޮށްގެން ބޮޑު އަގުގައި ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ފިހާރަތަކުން ބިހުގެ އަގު އުފުލިފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރަމުން އެސްޓީއޯ އިން ވެސް ބުނީ ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި އާންމުންނަށް ބިސް ވިއްކަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މިހާރު ވެސް ބިހުގެ އާ ޝިޕްމަންޓްތައް ލިބެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މެދުކެނޑުމެއް ނެތި ބިސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ދާދި ފަހުން ސަރުކާރުން ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަސާސީ ބާވަތްތަކުގެ ލިސްޓަށް ބިސް ވެސް އިތުރުކޮށްފައެވެ.