ށ. ފަރޮޅުގެ ގުދުރަތީ ވެށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ހާއްސަ އުޅަނދެއް އެންވަޔަރަމެންޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

"ފަރޮޅު ރޭންޖަރު" ގެ ނަން ދީފައިވާ މި އުޅަނދަކީ އެ ސަރަހައްދުގެ ތިމާވެށި މޮނިޓަކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ އުޅަނދެކެވެ. މި އުޅަނދާއެކު، ފަރޮޅުގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ރައްކާތެރިކުރުމަށް ރޭންޖަރުންގެ ޓީމުން ކުރާ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ އެންވަޔަރަމެންޓް މިނިސްޓްރީން އިސްނަގައިގެން، އިންޓަނޭޝަނަލް ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ކެޓެނޭޓް" ޕްރޮޖެކްޓުގެ ދަށުން ހޯދި އުޅަނދެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ.

ފަރޮޅަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ، ގިނަ އަދަދެއްގެ ދިރޭތަކެތި އުޅޭ ސަރަހައްދެކެވެ. އެހެންކަމުން، މި ސަރަހައްދު ހިމާޔަތްކުރުމަކީ ރާއްޖޭގެ ތިމާވެއްޓަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި އާ އުޅަނދާއެކު ފަރޮޅު ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް ފަސޭހަވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ.