ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފެންބޮޑުވުމުގެ މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ނޭޕާލާއި ޓިބެޓް ގުޅޭ ހިސާބުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ކަމަށެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެއްސަކު ހުރިކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މިކަމުގެ އަސަރު ކޮށްފައި ނުވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން މީހަކަށް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސްނުކޮށް ފޮރިން މިނިސްޓްރީއަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަވެސް އެ މިނިސްޓްރީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އެހީތެރިކަން ބޭނުންވާ މީހުން ގުޅުމަށް ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށެވެ. މީގެ އިތުރުން ކޮންސިއުލަރ އީމެއިލް މެދުވެރިކޮށްވެސް އެ މިނިސްޓްރީއަށް މެސެޖު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.