ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު ދޭއް ޖަހާއިރަށް ހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. މި އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އެ އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އިނާމާ ބެހޭ ކޮމިޓީން ވަނީ ފޯމު ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެދިފައެވެ. އެގޮތުން ލެވެލް ހަތަރެއް، އަށެއް އަދި ނުވައެއްގެ ސަނަދަކާ ގުޅިގެން ފޯމު ހުށަހަޅާނަމަ، އެ ކޯހަކުން އެންމެ މަތީ ވަނަ ހޯދިކަން އަންގައިދޭ ލިޔުމާއި އެވްރެޖް މާކްސް ނުވަތަ ޖީޕީއޭ އެނގޭނެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. އަދި ހުށަހަޅާ ހުރިހާ ލިޔުމަކީ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް ކޮމިޓީން ބުންޏެވެ.

ރާއްޖެއިން ބޭރުގެ ޔުނިވަސިޓީއަކުން ހާސިލުކޮށްފައިވާ ސަނަދެއް ނަމަ، އެމްކިއުއޭ އިން އެ ސަނަދެއް ވެލިޑޭޓްކޮށްފައިވާ ކޮޕީއެއް ހުށަހެޅުން މަޖުބޫރުވާނެއެވެ. މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު ރައީސްގެ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އޭގެ ތެރޭގައި މަތީ ތައުލީމުގެ ދާއިރާއާއި، އިންޓަނޭޝަނަލް މުބާރާތްތަކުން ވަނަ ހޯދުމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އާ އީޖާދުތައް އުފައްދާ ފަރާތްތަކަށާއި، ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ މަސައްކަތްތެރި ޒުވާނުންނަށް ވެސް މި އަހަރު އިނާމު ދޭނެއެވެ.