ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހޭންސަން، 'ދަ ބެޓްމޭން ޕާޓް 2' ގައި ޕޮއިޒަން އައިވީގެ ރޯލު ކުޅެފާނެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް ބެޓްމޭން ފިލްމުގައި ހިމެނޭ މި މުހިންމު ރޯލަށް ސްކާލެޓް ގެނައުމަށް ފިލްމު އުފައްދާ ފަރާތްތަކުން އަންނަނީ ވިސްނަމުންނެވެ.
މީގެ ކުރިން މީޑިއާތަކުގައި އަޑުފެތުރިފައި އޮތީ ބެޓްމޭންގެ އާ ފިލްމުގައި ސްކާލެޓް ފެންނާނީ ގިލްޑާ ޑެންޓްގެ ރޯލުން ކަމަށެވެ. ނަމަވެސް އެންމެ ފަހުން އާންމުވެފައިވާ މި ރިޕޯޓުތަކާއެކު، އޭނާ ފެންނާނެ ކަމަށް މިހާރު ބެލެވެނީ މުޅިން ތަފާތު ކެރެކްޓާއަކުންނެވެ.
ސްކާލެޓް މި ފިލްމުން ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރި ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު މެޓް ރީވްސް އަދި ވޯނާ ބްރަދާސް އިން ވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
