ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 22 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެވެސް 50 އިންސައްތަ  ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި،  64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން 2،500 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 38.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައެވެ.