އުމުރުން 9 އަހަރުގެ ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރައިލާ އަދި އެ ކުއްޖާގެ ހަށިގަނޑު އަންދާލުމާއި ގުޅިގެން އިންޑިޔާގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ނިއު ދިއްލީގައެވެ. މި ކުއްޖާގެ އަނދާފައިވާ ހަށިގަނޑު ފެނިފައިވަނީ ދިއްލީގައި މަރުވާ މީހުންގެ ހަށިގަނޑު ނައްތާލާ ތަނެއްގެ ކައިރިންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި އެކުއްޖާ، އެ ސަރަހައްދަށް ގޮސްފައިވަނީ އެތަނުގައި ހުރި ފެން ކޫލަރެއްގެ ކައިރިއަށް ފެން ބަލައި ކަމަށެވެ.

އޭގެފަހުން ކުއްޖާ ގެއަށް ނައިސް ގަޑިއެއްހާއިރުވެގެން ލަސްވެގެން އެތަނަށް ދިޔުމުން، އެތަނުގައި ހުރި ފާދިރީ ބުނެފައިވަނީ އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. ކުއްޖާ މަރުވި ގޮތެއް ބެލުމަށް ހަށިގަނޑު ފުލުހަށް ގެންދަން ބޭނުން ކަމަށް މަންމަ ބުނުމުން ފާދިރީ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އަދި އެކަމަށް އިންސާފެއް ނުލިބޭނެ ކަމަށް ވެސް އޭނާ ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުއްޖާ މަރުވެފައިވަނީ ފެން ކޫލަރުން ފެން އަޅަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށް ފާދިރީ ބުނެފައިވާކަމަށާއި ނަމަވެސް ކުއްޖާގެ ހަށިގަނޑަށް ބަލާފައި އާއިލާއަށް އެކަން ގަބޫލު ނުކުރާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އާއިލާގެ ނުގަބޫލުގައި ކުއްޖާގެ ހަށިގަނޑު އަންދާލަން ފެށި ޚަބަރު ލިބުމާއި އެކު އެ އަވަށުގެ ރައްޔިތުން އެތަނަށް އެއްވެ ފާދިރީއާއި އިތުރު ތިން މީހަކު ހިފަހައްޓައި ފުލުހުންނާއި ހަވާލު ކުރިއެވެ.

މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރޭގައި ހަށިގަނޑު އަންދާލުމަށް އުޅުނު ފާދިރީ ވެސް ހިމެނެއެވެ. ކުއްޖާގެ އާއިލާ ފަރާތުން ވަނީ މި ހަތަރު މީހުންނަށް ރޭޕްކުރުމުގެ ތުހުމަތުވެސް ކޮށްފައެވެ.

ފުލުހުން ބުނާގޮތުގައި އެމީހުން އެކުއްޖާ ރޭޕްކުރިކަމަށް ބެލެވޭ ކަމަށާއި އެކުއްޖާ އަންދާލީ ހެކު ފޮރުވަން ކަމަށްވެސް ބެލެވޭކަމަށެވެ.

މި ޚަބަރު ލިބުމާއި އެކު ނިއު ދިއްލީގައި އެތައް ސަތޭކަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. މީގެތެރޭގައި ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ.