އޮސްޓްރޭލިއާގެ މެލްވިލް އައިލެންޑް ކައިރިން މަސްވެރިންތަކެއް ވަރަށް އާދަޔާހިލާފު، މޫނުމަތި އަހަކާ ވައްތަރު މަހެއް ބާނައިފި އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ، ކަނޑުގެ ވަރަށް ފުނުގައި އުޅޭ އޯފިޝް އެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ބާވަތުގެ މަހަކީ އާންމުކޮށް ކަނޑުގެ 660 ފޫޓާއި 3،300 ފޫޓާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ. މިއީ ދިގުމިނުގައި 50 ފޫޓަށް ވުރެ ބޮޑުވާ މަހަކަށް ވާއިރު، ކަނޑުގެ މަތީ ފަށަލައިން މިފަދަ މަހެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

އޯފިޝް އަކީ އާންމުންގެ ތެރޭގައި "ޑޫމްސްޑޭ ފިޝް" ގެ ނަމުން މަޝްހޫރުވެފައިވާ މަހެކެވެ. މިގޮތަށް ކިޔަނީ، ބިންހެލުން ފަދަ ބޮޑެތި ގުދުރަތީ ކާރިސާތައް އައުމުގެ ކުރިން އިންޒާރެއްގެ ގޮތުގައި މި މަސް ކަނޑުގެ މައްޗަށް އަރާ ކަމަށް މީހުން ގަބޫލުކުރާތީ އެވެ. އެހެންކަމުން މިއީ ގިނަ ބަޔަކު ބިރުގަންނަ މަހެކެވެ.

މި މަސް ބޭނިއިރު އޭގެ މޫނުމަތި އަހަކާ ނުވަތަ ސީހޯސްއަކާ ވައްތަރު ގޮތެއް ހުރީ އޭގެ ދަތްދޮޅިއަށް އައިސްފައިވާ ބަދަލެއްގެ ސަބަބުންނެވެ. ކަނޑުގެ ފުނުން މައްޗަށް ނެގުމުގެ ތެރޭގައި މަހުގެ ދަތްދޮޅި ކުރިއަށް ނުކުމެ، ދެމިގެން ދިޔުމުން އެ ސިފަ ޖެހުނީ އެވެ.

މިއީ މަސްވެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. މި އާދަޔާހިލާފު މަހުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅޭގޮތުން ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި މިއީ ކާރިސާއެއްގެ ސިގްނަލެއްތޯ ވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.