ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާން، އިންޑިއާގެ މުމްބާއީގައި ހުޅުވާފައިވާ މަތީ ފަންތީގެ ރެސްޓޯރެންޓު "މާސީ" މި ދުވަސްވަރު ވަރަށް ބޮޑަށް ވަނީ މަޝްހޫރުވެފައެވެ. މިތަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ހަމައެކަނި އެތަނުގެ ފުރިހަމަކަމާއި ރީތިކަމަކުން ނޫނެވެ. އޭގެ ބަދަލުގައި އެ ރެސްޓޯރެންޓުން ވިއްކާ ކާބޯތަކެތީގެ އަގު އަތްނުފޯރާ ފަށުގައި ހުރުމުންނެވެ. އެގޮތުން އެތަނުން ވިއްކާ ޕާސްތާ ތަށްޓެއްގެ އަގު 8،500 ރުޕީސްއަށް އެރުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ.

އެ ރެސްޓޯރެންޓުގައި 8،500 ރުޕީސްއަށް ވިއްކަނީ "ޓްރަފަލް ޕާސްތާ އޮން ވީލް" ކިޔާ ހާއްސަ ޕާސްތާއެކެވެ. އާންމުކޮށް މަތީ ފަންތީގެ އެހެން ރެސްޓޯރެންޓުތަކުގައި ވެސް މިފަދަ ޕާސްޓާއެއްގެ އަގު އުޅެނީ 500 ރުޕީސްއާއި 1،200 ރުޕީސްއާ ދެމެދުގައެވެ. ނަމަވެސް، އަރްޕިތާގެ ކެފޭގައި މި ޕާސްޓާގެ އަގު އެތައް ގުނައެއް ބޮޑުކޮށް ހުރުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅޭގޮތުން ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކީ، 8،500 ރުޕީސްއަށް ވިއްކާ މި ޕާސްތާއަކީ އެ ރެސްޓޯރެންޓުގެ މެނޫގައި ހުރި އެންމެ އަގުބޮޑު ކެއުން ކަމަށް ނުވުމެވެ. އެގޮތުން އެތަނުން ވިއްކާ ކަންބަޅި މަހުގެ ހާއްސަ ކެއުމެއް ކަމަށްވާ "ހާބް ކްރަސްޓެޑް ލޭމްބް ލޮއިން" ގެ އަގު 10،000 ރުޕީސްއަށް އަރައެވެ. މީގެ އިތުރުން އެތަނުން ލިބެން ހުންނަ ބައެއް ބުއިންތަކުގެ އަގު ލައްކައަކަށް ވުރެ މައްޗަށް ދާއިރު، މިއީ އާންމު ރައްޔިތުންނަށް ވަދެވޭ ވަރަށް ވުރެ މާ އަގުބޮޑު ތަނެއްކަން ހާމަވެއެވެ.

މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ސަންތާކްރޫޒްގައި ހުޅުވާފައިވާ މި ރެސްޓޯރެންޓަކީ 9،000 އަކަފޫޓުގެ ބޮޑު ތަނެކެވެ. ޔޫރަޕުގެ ސްޓައިލަށް ފަރުމާކޮށްފައިވާ މިތަނުގެ އެތެރޭގައި، ދުވާލުގެ ވަގުތުތަކާ ގުޅޭގޮތުން ކުލަ ބަދަލުވާ ހާއްސަ ސީލިންގެއް ހަދާފައިވެއެވެ. މިފަދަ ތަފާތު ކަންތައްތަކެއް ހުރުމާއެކު، މިއީ މިހާރު ބޮލީވުޑްގެ ތަރިންނާއި މުމްބާއީގެ މުއްސަނދިންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށް ވަނީ ވެފައެވެ.

މި ރެސްޓޯރެންޓުގެ އަގުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މީހަކު ފާޅުކުރި ހިޔާލެއްގައި ބުނީ، މިފަދަ މަތީ ފަންތީގެ ތަންތަނުގައި ފައިސާ ދައްކަނީ ހަމައެކަނި ކާއެއްޗިއްސަށް ނޫން ކަމަށާއި، އެތަނުގެ މާހައުލާއި ލިބޭ ހިދުމަތަށް ވެސް ކަމަށެވެ. އަދި ބައެއް މީހުން މިއީ މާ ބޮޑަށް އަގުބޮޑު ތަނެއް ކަމަށް ބުނެ ފާޑުކިޔަމުން ދިޔަ ނަމަވެސް، އަރްޕިތާގެ މި ކެފޭއަށް އޮންނަ ތަރުހީބު ކުޑަވެފައި ނުވާކަން ފާހަގަކުރެވެއެވެ.