ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމު ތައިލެންޑުގެ މަގުބޫލު އެކްޓަރެސް ލިންގްލިންގް ކުވޮންގް އަށް ލިބިއްޖެ އެވެ. އުމުރުން 31 އަހަރުގެ ލިންގްލިންގް އަށް މި މަގާމު ލިބުނީ ނެޓިޒަންސް ޗޮއިސް މެގަޒިން އިން ކުރިއަށްގެންދިޔަ ޕޯލްގައި 22 މިލިއަނަށް ވުރެ ގިނަ މީހުންގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.
މި އަހަރުގެ ޕޯލްގައި އޭނާ ވަނީ ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމުގެ އިތުރުން، އޭނާ ވަނީ ތައިލެންޑުގެ އެންމެ ރީތި އެކްޓަރެސްގެ މަގާމު ވެސް 10 މިލިއަން ވޯޓާއެކު ކާމިޔާބުކޮށްފަ އެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މި ދެ މަގާމު އެކަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ލިންގްލިންގް އާއެކު "ދަ ސީކްރެޓް އޮފް އަސް" ގައި މުހިންމު ރޯލެއް ކުޅެފައިވާ އޯމް ކޯންނަފަޓް އަށް ވެސް ވަނީ މި ލިސްޓުން ޖާގަ ލިބިފަ އެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ ހަތަރުވަނަ އޯމް އަށް ލިބުނީ 11 މިލިއަނަށް ވުރެ ގިނަ މީހުންގެ ވޯޓާއެކު އެވެ.
ތައިލެންޑް އަދި ހޮންގްކޮންގް އަށް ނިސްބަތްވާ ލިންގްލިންގް އަށް އިންޓަނޭޝަނަލް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ 2024 ވަނަ އަހަރު ނެރުނު "ދަ ސީކްރެޓް އޮފް އަސް" ޑްރާމާ އިންނެވެ. މި ޑްރާމާގެ ސަބަބުން އޭނާ އަދި އޯމް އަށް ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސަޕޯޓަރުންގެ ލޯބި ލިބިފަ އެވެ.
މި ޕޯލްގެ ނަތީޖާ އިން ދައްކައިދެނީ ތައިލެންޑުގެ ފަންނާނުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނަ މަގުބޫލުކަން އިތުރުވަމުން އަންނަ މިންވަރެވެ. އަދި ހާއްސަކޮށް ލިންގްލިންގް އަކީ މިހާރު އިންޓަނޭޝަނަލް ލެވެލްގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ތަރިއެވެ.
