މިސް ޔުނިވާސް އިންޑިއާ 2026 ގެ ތާޖު އުމުރުން 19 އަހަރުގެ ކަޒިއާ ލިޒް މެޖޯ ކާމިޔާބުކޮށްފިއެވެ. މި ކާމިޔާބީއާ އެކު، މި އަހަރުގެ ނޮވެމްބަރު މަހު ޕުއެޓޯ ރިކޯގައި އޮންނަ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލުކުރާނީ އޭނާއެވެ.
ކެރެލާ އަށް ނިސްބަތްވާ ކަޒިއާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. ޔޫއޭއީގެ އަބޫދާބީ އަށް އުފަންވެ، އެ ގައުމުގައި ބޮޑުވި މި ޒުވާނާ މިސް ޔުނިވާސް އިންޑިއާގެ ތާޖު ކާމިޔާބުކުރީ ޖައިޕޫރުގައި ބޭއްވި މި މުބާރާތުގެ ފައިނަލްގައި 53 ބައިވެރިންނާ ވާދަކޮށެވެ.
މި މުބާރާތުގެ ދެވަނަ ނުވަތަ ފަސްޓް ރަނައަޕްގެ މަގާމު ހޯދީ ތަމަޅަ ނާޑޫގެ ވައިޝްނަވީ ގަނޭޝް އެވެ. އަދި ތިންވަނަ މަގާމު ގުޖުރާތުގެ އަނުޝްރީ ސަތަވްލޭކަރް ހޯދިއިރު، ކަޒިއާ ވަނީ މީގެ ކުރިން މިސް ޔުނިވާސް ކެރެލާ 2026 ގެ ތާޖު ވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ ފަހު މަރުހަލާގައި ކުރި ސުވާލަށް ކަޒިއާ ދިން ޖަވާބަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. "ހަމަހިމޭންކަމުގެ އަޑު" މާނަކުރާނީ ކިހިނެއްތޯ އެހުމުން އޭނާ ދިނީ ވަރަށް ފުރިހަމަ ޖަވާބެކެވެ. އެއީ ސްޓޭޖަށް އެރުމުގެ ކުރިން އޭނާ އަށް އިހުސާސްކުރެވޭ ހިތްހަމަޖެހުމާއި އަމާންކަން ކަމަށް ކަޒިއާ ބުންޏެވެ.
ކަޒިއާގެ ރީތީގެ މުބާރާތްތަކުގެ ސަފަރު ފެށުނީ ވަރަށް ކުރިންނެވެ. އުމުރުން 17 އަހަރުގައި މިސް ޓީން ޑީވާ 2024 ކާމިޔާބުކުރުމަށް ފަހު، މިސް ޓީން އިންޓަނޭޝަނަލް 2025 ގައި އިންޑިއާ ތަމްސީލުކޮށް އޭނާ ވަނީ ދެވަނަ ހޯދާފައެވެ. މިހާރު އޭނާގެ އަމާޒަކީ ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތުގައި އިންޑިއާ އަށް ރީތި ނަމެއް ހޯދައިދިނުމެވެ.
