އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިފުޅު ބެރަން ޓްރަމްޕް މަރާލާ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެކަމަށް އީރާނުގެ ދައުލަތުގެ ޓީވީއަކުން އިއުލާނުކޮށްފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން އޮންނަ ޗެނަލް 3 އިން ދެއްކި މި ވީޑިއޯއަކީ އެމެރިކާގެ ރައީސްގެ އާއިލާއަށް އަމާޒުކޮށް މިހާތަނަށް ދިން އެންމެ ބޮޑު އެއް އިންޒާރެވެ.

"ބެރަން ޓްރަމްޕް މަރާލާނީ ކޮންތާކުން؟" މި ނަމުގައި އާންމުކުރި މި ވީޑިއޯގައި، އުމުރުން 20 އަހަރުގެ ބެރަންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާކަމަށް އީރާނުން ބުންޏެވެ. އަދި އޭނާދާ ތަންތަނާއި ކުރާ ކަންތައްތައް އީރާނުގެ ފާރަވެރިންނަށް އެނގޭކަމަށް ދައްކުވައިދިނުމުގެ ގޮތުން އެކި މަންޒަރުތައް ވެސް މި ވީޑިއޯގައި ހިމަނާފައިވެ އެވެ.

މި ވީޑިއޯގައި އީރާނުން ކޮށްފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ސަލާމަތީ ފިޔަވަޅުތަކަށް އޮޅުވާލުމަށްފަހު އީރާނުގެ އަންހެން ކުއްޖަކު ބެރަންއާ ބައްދަލުކުރި ކަމަށް ބުނާ ބުނުމެވެ. އެގޮތުން، ސިއްރު ބައްދަލުވުމެއްގައި އެ އަންހެން ކުއްޖާ ބެރަންއާ ޖެހިގެން އިން ކަމަށް ވެސް މި ވީޑިއޯގައި ބުންޏެވެ.

ސަލާމަތީ ފިޔަވަޅުތަކާ ދުރުން، ބެރަން އާންމުކޮށް މީހުންނާ ވާހަކަދައްކަނީ އޮންލައިން ގޭމްތައް މެދުވެރިކޮށް ކަމަށް ވެސް އީރާނުގެ މީޑިއާއިން ބުންޏެވެ. އެގޮތުން އެކްސްބޮކްސް އަދި ފީފާ ފަދަ ގޭމްތަކުގެ އިތުރުން ޑިސްކޯޑް މެދުވެރިކޮށް އޭނާ ލިޔާ މެސެޖުތަކާއި ދައްކާ ވާހަކަތައް ހޯދާފައިވާކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.

ރައީސް ޓްރަމްޕުގެ އާއިލާއަށް އަމާޒުކޮށް އީރާނުން މިފަދަ ބޮޑު އިންޒާރެއް ދީފައިވާއިރު، މިއީ އެމެރިކާގެ ސަލާމަތީ އިދާރާތަކުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލައެއްކަމަށް ބެލެވެ އެވެ. ނަމަވެސް މި ވީޑިއޯއާ ގުޅިގެން އެމެރިކާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.