ދުނިޔޭގެ އެންމެ މުއްސަނދި އެއް މީހާ ކަމަށްވާ އީލޮން މަސްކުގެ ކުންފުންޏަކުން، ނެތިގޮސްފައިވާ ޑައިނަސޯތައް އަލުން ދުނިޔެއަށް ގެނެސް ހަގީގީ "ޖުރެސިކް ޕާކެއް" ހެދުމުގެ ގާބިލުކަން އެބަހުރި ކަމަށް ބުނެފި އެވެ. މަސްކުގެ ސިކުނޑިއަށް ޗިޕް ލައްވާ ކުންފުނި ކަމަށްވާ ނިއުރަލިންކްގެ ކޯ ފައުންޑަރު މެކްސް ހޯޑަކް ބުނީ، އެ މީހުން ބޭނުންވެއްޖެނަމަ އެފަދަ ޕާކެއް ހެދިދާނެ ކަމަށެވެ.

އެހެންނަމަވެސް، މިއީ މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި އުޅުނު އަސްލު ޑައިނަސޯތައް ނޫން ކަމަށް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި މިއީ، ޖެނެޓިކް އިންޖިނިއަރިން ބޭނުންކޮށްގެން ގާތްގަނޑަކަށް 15 އަހަރު ދުވަހުގެ މަސައްކަތުން އުފައްދާ، މުޅިން އާ ބާވަތެއްގެ ދިރޭތަކެތި ކަމަށް އޭނާ ކިޔައިދިނެވެ. މި ފަދަ ކަންކަމަށް މަސްކު ވެސް ތާއީދުކުރާއިރު، އޭނާ ވަނީ ގޭގައި ގެންގުޅޭނެ ކުޑަ މެމަތެއް ބޭނުންވާކަމަށް ވެސް މީގެ ކުރިން ބުނެފަ އެވެ.

ސައިންސުގެ އަލީގައި މިކަމަށް ބަލާއިރު، އަސްލު ޑައިނަސޯތަކުގެ ޑީއެންއޭ ވަނީ މީގެ 66 މިލިއަން އަހަރު ކުރިން މުޅިން ނެތިގޮސްފަ އެވެ. މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައިވާ އެންމެ ދުވަސްވީ ޑީއެންއޭ އަކީ ވެސް ދެ މިލިއަން އަހަރު ކުރީގެ އެއްޗަކަށް ވާއިރު، އަސްލު ޓީރެކްސް ފަދަ ޑައިނަސޯއެއް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ޕާކެއް ހަދާނަމަ ބޭނުންކުރަން ޖެހޭނީ ދޫނި ނުވަތަ ކިނބުލުގެ ޑީއެންއޭ އެވެ.

ހަގީގީ ޑައިނަސޯތައް ނުހެދުނު ނަމަވެސް، ނެތިގޮސްފައިވާ ބައެއް ޖަނަވާރުތައް އަލުން ދުނިޔެއަށް ގެނައުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން "ކޮލޯސަލް ބަޔޯސައިންސަސް" ކިޔާ ކުންފުންޏަކުން ވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު "ޑަޔަ ވުލްފް" ކިޔާ ނެތިގޮސްފައިވާ ބާވަތެއްގެ ޖަނަވާރުތަކެއް އާންމުކޮށްފަ އެވެ. އަދި 2028 ވަނަ އަހަރު އަންނަންވާއިރަށް ވޫލީ މެމަތެއް އުފެއްދުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.

ޖުރެސިކް ޕާކް ފަދަ ފިލްމުތަކުން މިފަދަ ކަންކަން ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ދައްކުވައިދީފައި އޮތް ނަމަވެސް، ގިނަ ބަޔަކު ތިބީ މި ޕާކު ހަދާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. އެތައް ބަޔަކު އަންނަނީ މި ޕާކު ހުޅުވުމާއެކު ޓިކެޓު ގަނެގެން ޕާކަށް ވަންނަން ބޭނުންވާކަން ހާމަކުރަމުންނެވެ.