މިއަދުގެ ހުކުރު ހުތުބާގައި ވިޔަފާރިކުރުމުގައި ތެދުވެރިވުމަށާއި، މަކަރު ނުހެދުމަށް އަދި މުދަލުން ބަރާބަރަށް ޒަކާތް ނެރުމަށް ގޮވާލައިފިއެވެ.

ހުތުބާގައި ބުނެފައިވަނީ ވިޔަފާރީގައި ތެދުވެރިވުމަކީ މާތް الله އަށް ކުރެވޭ އަޅުކަމެއް ކަމަށެވެ. ނަމަވެސް އެކަން ހަނދާން ނައްތާލައި ވިޔަފާރީގައި މަކަރާއި ހީލަތް ހަދާ މީހުންނަށް ހުރީ ބޮޑުވެގެންވާ އަޒާބު ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެފަދަ އަމަލުތައް ކުރާ މީހުންނަށް މާތް الله ލައުނަތް ލައްވާފައިވާކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން މުދަލުން ޒަކާތް ދިނުމަކީ މުދަލުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އެހެންނަމަވެސް، މީސްތަކުންގެ މުދާތައް ބާތިލު ގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި މުދާ އެއްކޮށް، ބޭކާރު ގޮތުގައި މުދާ އިސްރާފު ކުރުމަކީ މުދަލުން ބަރަކާތް ކެނޑިގެންދާނެ ކަމެއް ކަމަށް ބުންޏެވެ.

"ވިޔަފާރީގައި މަކަރާއި ހީލަތްހަދައި، މީސްތަކުންގެ މުދާތައް ބާތިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ހަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތް ނުލެއްވުން،" ހުތުބާގައި ބުންޏެވެ.

ފައިސާ ހޯދުމުގެ ދަހިވެތިކަމުގައި ބައެއް މީހުން ހަރާމް ގޮތުގައި ފައިސާ ހޯދައިގެން އެއިން ދިރިއުޅުން ބިނާކުރަމުންދާ ކަމާމެދު ހުތުބާގައި ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ ހަރާމް ފައިސާއިން އަނބިދަރިންނަށް ހަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއާ މެދު މީހުން ގާފިލުވެފައިވާ ކަމަށް ވެސް ފާހަގަކުރިއެވެ.

ހަރާމް ގޮތުގައި ފައިސާ ހޯދުމުގެ އިތުރުން، ދުނިޔަވީ ކަންކަމުގައި މަސްގޫލުވެ ނަމާދު އެޅުމާއި، ނަމާދު ގަޑީގައި ކުޅިވަރު ކުޅެން ކުދިން ދޫކޮށްލުން ފަދަ ކަންކަން މުޖުތަމައުގައި އާންމުވެފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން މުޖުތަމައު އިސްލާހު ކުރުމަށްޓަކައި ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށާއި، ދީނީ ވާޖިބުތަކަށް ރައްކާތެރިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.