ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެން، އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ގާނޫނުތައް ތަންފީޒު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޯއައިސީގެ ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވަނީ، ފަލަސްތީނުގެ ބިންތައް ހިސާރުކޮށްގެން އިޒްރޭލުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިޒްރޭލުގެ މި އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، އެކަމާ މެދު ނުރުހުން ފާޅުކުރެއްވިއެވެ.

އިސްލާމީ އުއްމަތުގެ އުސޫލުތައް ދެމެހެއްޓުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ފުޅާކުރުމަށް މިނިސްޓަރު ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނަން،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި، ގައްޒާގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމަށް ވެސް މިނިސްޓަރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އޯއައިސީއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފަންސާސް ހަތް ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ބޮޑު ޖަމިއްޔާއެކެވެ. ރާއްޖެއިން އެ ޖަމިއްޔާގެ މެމްބަރަކަށްވެ، ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރަން ފެށީ 1976 ވަނަ އަހަރުއެވެ.