ދުވަހުގެ އާދައެއްގެ ގޮތުގައި ކޮންމެ ދުވަހަކު ކިއުކަމްބާ ފެން ބުއިމަކީ ބަރުދަން ލުއިކުރުމަށާއި ލޭގެ ޕްރެޝަރު ދަށްކުރުމަށް އޮތް ވަރަށް މޮޅު ގުދުރަތީ ފަރުވާއެއް ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކައިފި އެވެ. ގިނަ ބަޔަކު މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ މި ބުއިމަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވިގެންވާ، ސިއްހީ މާހިރުން ވެސް ބޯން ލަފާދޭ ބުއިމެކެވެ.
ކިއުކަމްބާ ފެނަކީ ހަކުރު އެކުލެވޭ ފެންތަކާއި އެނާޖީ ޑްރިންކްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. ކާނާއާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، މި ފެނުގައި ކެލޮރީ އެކުލެވޭ މިންވަރު ވަރަށް މަދުވުމުގެ ސަބަބުން، މިއީ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވައި، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ އެއް ބުއިމެވެ.
ބަރުދަން ލުއިކުރުމުގެ އިތުރުން، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވެސް މިއީ މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) ގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކިއުކަމްބާގައި ގިނަ އަދަދަކަށް އެކުލެވޭ ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހުންނަ ލޮނުގެ މިންވަރު ނުވަތަ ސޯޑިއަމް ބެލެންސްކޮށްދީ، ހައި ބްލަޑް ޕްރެޝަރު ދަށްކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާއެކެވެ.
"ފިޓޯތެރަޕިއާ" ޖާނަލްގައި ޝާއިއުކޮށްފައިވާ ކިއުކަމްބާއާ ގުޅޭ ހާއްސަ ސައިންޓިފިކް ދިރާސާއެއްގައި ބުނެފައިވަނީ، ކިއުކަމްބާ ފެނަކީ ހަމައެކަނި އެތެރެހައްޓަށް ފައިދާކުރާ އެއްޗެއް ނޫން ކަމަށެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން، އޭގައި ހިމެނޭ ސިލިކާ އާއި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަންގަނޑު ރީތިކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީވެދެ އެވެ.
ހަންގަނޑު ކުރަކިވުމާއި މޫނުގައި ނަގާ ބިހިތަކަށް ވެސް ކިއުކަމްބާ ފެނުން ފަރުވާ ލިބޭއިރު، މިއީ އާންމު ދިރިއުޅުމުގެ އާދައަކަށް ހަދަން މުހިންމު ބުއިމެކެވެ. ފެން ތައްޔާރުކުރުމަށްޓަކައި، ކިއުކަމްބާ ފޮތިކުރުމަށްފަހު ފެންތަށްޓަކަށް ލައިގެން ކޮންމެ ދުވަހަކު ބުއިމުން އޭގެ ފުރިހަމަ ފައިދާ ހަށިގަނޑަށް ލިބިގެންދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.
