ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ، ލޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އުމުރުފުޅުން 89 އަހަރުގައި ހުކުރު ދުވަހު އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ ވެރިރަށް އޮސްލޯގައި ހުންނަ ގައުމީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އޮސްލޯގެ ގަނޑުވަރުން ބުނީ ރަސްގެފާނު އަވަހާރަވީ ހުކުރު ދުވަހުގެ ހެނދުނު ނޯވޭގެ ގަޑިން 06:35 ގައި ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ގަނޑުވަރުގެ ފުރާޅުމަތީގައި ނަގާފައިވާ ރިޔާސީ ދިދަ މިހާރު ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.
ރަސްގެފާނު ހަރަލްޑް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ ލޭގެ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގަ ބައްޔަކަށެވެ.
ރަސްގެފާނު ހަރަލްޑް އަކީ 14 ވަނަ ގަރުނަށް ފަހު ނޯވޭއަށް އުފަންވި އެ ގައުމުގެ ފުރަތަމަ ރަސްގެފާނެވެ. އެމަނިކުފާނު ވަނީ ނޯވޭގެ ތަހުތުގައި 35 އަހަރު ވަންދެން ރަސްކަން ކުރައްވާފަ އެވެ.
ރަސްގެފާނު ހަރަލްޑް އަވަހާރަވުމާ ގުޅިގެން ދެން އެ ގައުމުގެ ތަހުތާ ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ހާކޮން އެވެ. ދަރިކަލުން ހާކޮން އަކީ މިހާރު ނޯވޭގެ ވަލީއަހުދެވެ.
