ވިއެޓްނާމުގައި މިހާރު ކުރިއަށްދާ މިސް ވޯލްޑް މުބާރާތުގެ ތެރެއިން، މިސް ވޯލްޑް ޖަޕާން ޔުއީ ކަވާނާގެ 25 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ބައިވެރިޔާ މަރިޔަމް އީމާ މުހައްމަދު ދިން ހަދިޔާ ވަރަށް ކަމުދިޔަ ކަމަށް ކަވާނާ ބުނެފި އެވެ.

އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އުމުރުން 25 އަހަރު ފުރުނު ކަވާނާ ވަނީ، އީމާއާ އެކު އޭނާގެ އުފަންދުވަސް ފާހަގަކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މި ފޮޓޯތަކުން މި ދެ ބައިވެރިންގެ މެދުގައި އުފެދިފައިވާ ގާތް ގުޅުމާއި، އިންޓަނޭޝަނަލް މުބާރާތެއްގެ ތެރެއިން ފެނިގެންދިޔަ އެކުވެރިކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ.

މިއީ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ. ރާއްޖެ ތަމްސީލުކުރާ އުމުރުން 23 އަހަރުގެ އީމާއަކީ ސައިކޮލޮޖީ ކިޔަވަމުން އަންނަ ދަރިވަރެއްގެ އިތުރުން ޕްރޮފެޝަނަލް މޮޑެލްއެކެވެ. އޭނާ ވަނީ މިހާތަނަށް މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައި، "ހެޑް-ޓު-ހެޑް ޗެލެންޖް" ގައި އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ 5 އަކުން ވެސް ޖާގަ ހޯދާފަ އެވެ.

ކަވާނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، އީމާ ދިން ހާއްސަ ހަދިޔާ އޭނާއަށް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށާއި، އެ ދުވަސް ހަނދާނުން ފޮހެލަން ދަތި ހާއްސަ ދުވަހަކަށް ހަދައިދިނީތީ އީމާއަށް ޝުކުރު އަދާކުރާ ކަމަށެވެ. ކަވާނާއަކީ ޖަޕާނުގައި މޮޑެލްކުރުމާއި އެކްޓުކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

މި އަހަރު ވިއެޓްނާމުގައި ބާއްވަނީ މިސް ވޯލްޑް މުބާރާތުގެ 75 ވަނަ އަހަރީ ފެސްޓިވަލެވެ. ދުނިޔޭގެ 110 އަށް ވުރެ ގިނަ ގައުމަކުން ބައިވެރިން ވާދަކުރާ މި މުބާރާތުގެ ފައިނަލް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ނާ ޓްރަންގް ސިޓީގަ އެވެ.