ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކަޅު ކުލައިގެ ހެދުން އެޅުމަކީ އެހެން މީހުންނަށް ފުރަތަމަ ފެނިލުމުގައި މީހާގެ ވިސްނުންތޫނުކަމާއި ގާބިލުކަން ވަރަށް ރަނގަޅަށް ދައްކައިދޭ ކަމެކެވެ. މިއީ ހަމައެކަނި ފަސޭހައިން އެހެން އެއްޗެއްސާ ގުޅުވާލަން ފަސޭހަ ކުލައެއް ނޫން ކަމަށާއި، މިއީ މީހާގެ ސަހުސިއްޔަތު ވަރުގަދަކޮށްދީ އެހެން މީހުންގެ ކުރިމަތީގައި ހައިބަތު ބޮޑުކޮށްދޭ ކަމެއް ކަމަށް މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ހާމަވެއެވެ.
"މައިކް" ގައި ޝާއިއުކޮށްފައިވާ "ބައިޓީޝާޓްސްއޮންލައިން" ގެ ސާވޭއަކުން ދައްކާ ގޮތުގައި: 1،000 މީހުން ބައިވެރިވި މި ދިރާސާގައި ގިނަ މީހުން ގަބޫލުކުރަނީ ކަޅު ކުލައަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ވިސްނުންތޫނުކަމުގެ ނިޝާނެއް ކަމަށެވެ. މީގެ އިތުރުން މިއީ ސީރިއަސް އަދި ބަރޯސާވެވޭ މީހުން ލައިއުޅޭ ކުލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. މި ސާވޭގައި ބައިވެރިވި ފިރިހެނުންގެ 64 ޕަސަންޓު އަދި އަންހެނުންގެ ދެބައިކުޅަ އެއްބައި މީހުން ބުނެފައި ވަނީ ކަޅު ކުލައިގެ ހެދުމުން މީހާގެ ކޮންފިޑެންސް ދައްކައިދޭ ކަމަށެވެ.
"ސޯޝަލް ބިހޭވިއާ އެންޑް ޕާސަނަލިޓީ" (އެސްބީޕީ) ޖާނަލްގައި ޝާއިއުކޮށްފައިވާ އިތުރު ދިރާސާއަކުން ވެސް މިކަން ވަނީ ސާބިތުވެފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން، ގަދަ ކުލަތަކުގެ ހެދުން އެޅުމުން މީހާގެ ކެރޭކަމާއި މަސައްކަތުގެ ގާބިލުކަން އެހެން މީހުންނަށް މާ ބޮޑަށް ފާހަގަވެ އެވެ. އެހެންނަމަވެސް، މިގޮތަށް ގަބޫލުކުރެވޭ މިންވަރު ބިނާވެފައި އޮންނަނީ އެ މީހަކު ހުރި މާހައުލަކާއި، އެ މީހަކާ މެދު ދެކޭ އެހެން މީހުންގެ ވިސްނުމުގެ މައްޗަށް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ހެދުން އަޅާ ކުލަތަކާ ގުޅޭގޮތުން ކުރެވިފައިވާ މި ދިރާސާތަކުން އެނގޭ ގޮތުގައި، މީހަކާ ފުރަތަމަ ބައްދަލުވާއިރު އެ މީހަކު ލައިގެން ހުންނަ ހެދުމެއްގެ ކުލައިން އެ މީހާގެ މިޒާޖާ މެދު ގޮތް ނިންމުމަށް ސިކުނޑިއަށް ބާރުއަޅަ އެވެ. އެހެންކަމުން، ކަޅު ކުލައިގެ ހެދުމެއް ނުވަތަ ކޯޓެއް ލުމަކީ ހަމައެކަނި ފެޝަނެއް ނޫންކަން މި ހޯދުންތަކުން ޔަގީންވެ އެވެ.
މުޅިން ކަޅު ކުލައިން ހެދުން އެޅުމަކީ އެކި ކުލަކުލައިގެ ހެދުން ގުޅުވަން ވަގުތު ހޭދަކުރަން ނުޖެހޭ ފަސޭހަ ކަމަކަށް ވުމުގެ އިތުރުން، މިއީ އެހެން މީހުންގެ ކުރިމަތީގައި ފުރަތަމަ ފެނިލުމުން ވެސް ތިމާގެ އަގު އުފުލިގެންދާނެ ކަމެކެވެ. މިއީ ތިމާއަކީ ވަރުގަދަ އަދި އިތުބާރު ކުރެވޭ މީހެއްކަން އެހެން މީހުންނަށް ސާބިތުކޮށްދިނުމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ.
