މާލޭގެ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި އިއްޔެ ހަވީރު ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:34 ހާއިރުއެވެ. އެ ސަރަހައްދުގައި ފުލުސް މީހާ ޑިއުޓީގައި ހުއްޓައި އޭނާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު އެ މީހާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ހާދިސާގައި ޓްރެފިކް ފުލުސް މީހާއަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.