ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު މޫދުގެ އެކި ކުޅިވަރުތަކަށް ގިނަ ޒުވާނުން ޝައުގުވެރިކަން ވަރަށް ބޮޑަށް ހުރެއެވެ. ތަފާތު ގިނަ ހުނަރުން ފުރިގެންވާ ޒުވާނުން މިދާއިރާގައި މަސައްކަތް ކުރަމުންދާ ކަމީ އުފާވާންޖެހޭ ކަމެކެވެ.

ތީރުގެ މިފަހަރުގެ 'މީހުން' ސެގްމެންޓްގައި މިގެނެސްދެނީ މިފަދަ ހުނަރުވެރި ޒުވާނެއްގެ ވާހަކައެކެވެ. ކުޑައިރުއްސުރެން ފެށިގެން ރާޅުގަނޑު ސަރަހައްދުގައި ރާޅުތަކުގެ ތެރެއިން މޫދު ކުޅިވަރަށް ލޯބި ޖެހުނު މުހައްމަދު އަމީތްއަކީ ވަރަށް ކުޅަދާނަ ހުނަރުވެރި ޒުވާނެކެވެ. އުމުރުން ވަރަށް ޅައިރުގައި މިދާއިރާއަށް ނިކުމެވުނު އަމީތް ކިޔައިދިން ގޮތުގައި ރާޅުގަނޑު ސަރަހައްދުން އޭނާގެ ކެރިއަރ ފެށުނުއިރު އެންމެ ފުރަތަމަ މަސައްކަތް ކުރަން ލިބުނު ފުރުޞަތަކީ ސަން އައިލެންޑްގައި އެސިސްޓަންޓް ވޯޓަރ ސްޕޯރޓްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތެވެ.

އެއަށްފަހު އެކްޓިވް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިންސްޓްރަކްޓަރއެއް ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައިވާއިރު، އޭގެ ފަހުން ބަދަލުވީ ކެނެރީފް ރިސޯޓް މޯލްޑިވްސް އަށެވެ. އެތަނުގެ ޓޮޕްބޭސް ވޯޓަރ ސްޕޯޓްސް މެނޭޖަރއެއް ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނުކަން އަމީތް ފާހަގަކުރިއެވެ. މިއީ އޭނާގެ ކެރިއަރގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރިއެވެ.

އަމިތްއަކީ މޫދު ކުޅިވަރު ހުނަރުގެ އިތުރުން ޑައިވިން ދާއިރާގައިވެސް މަސައްކަތްކުރަމުންދާ ޒުވާނެކެވެ. އެގޮތުން މިދެ ދާއިރާއިން މީހުން ބިނާ ކުރުމަކީ އޭނާ ދެން އެންމެ އިސްކަމެއްދީގެން ކުރި ކަންތަކެވެ. އަމިތް ބޭނުންވަނީ ކޮންމެ ޒުވާނަކީވެސް ހުނަރުވެރި ޒުވާނަކަށް ވުމަށެވެ. އެގޮތުން މިހާތަނަށް އައިރު މޫދު ކުޅިވަރާއި ކައިޓް ސާރފިން އަދި ޑައިވިންއަށް ވަނީ ގިނަ މީހުން ތަމްރީނު ކޮށްދީފައެވެ. އަމިތްއަކީ ޑައިވިން އިން މާސްޓާރޒްއާއި އަދި އެސިސްޓަންޓް އިންސްޓްރަކްޓަރއާއި ހަމައަށް ތައުލީމް ހާސިލްކޮށްފައިވާ ޒުވާނެކެވެ. އަދި ރާއްޖޭގެ ވިލާކޮލެޖްއިންވެސް އަމިތްވަނީ މިދާއިރާއިން ތައުލީމް ހާސިލްކޮށްފައެވެ.

އަމިތް ފާހަގަކުރި ގޮތުގައި މި ދާއިރާއިން ކުރިއަށްދާން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ވަޒީފާގެ ފުރުޞަތުތައް ގިނައިން ލިބިފައިވަނީ ބިދޭސީންނަށް ކަމަށްވާއިރު ރާއްޖޭގެ މިދާއިރާގެ ޓޮޕް މެނޭޖްމަންޓްގައި ރާއްޖޭގެ ޒުވާނުންނަށް ފުރުޞަތުތައް ލިބެންޖެހޭ ކަމަށްވެސް އަމިތް ބުންޏެވެ.

އަމިތް ބުނިގޮތުގައި މިހާރު މިދާއިރާއިން ކުރިއަށްދެވޭ އެންމެ މަތީ ދަރަޖައަށް ދެވިފައިވާ ކަމަށާއި ބޭނުންވަނީ ދިވެހި ޒުވާނުން މިދާއިރާއަށް ގިނަ ޒުވާނުން ނެރެ އެޒުވާނުން މިކަމަށް ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކުގައި ކައިޓް ސަރފިން އަދި ވިންޑް ސަރފިންގައި ރާއްޖެ ތަމްސީލްކުރާ ގިނަ ޒުވާނުންތަކެއް އުފެދިގެންދިއުމެވެ. އަދި މިކަމުގައި ސަރުކާރުން ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް އަމިތް ބުންޏެވެ.

އަދި އަމިއްލަ ވޯޓަރސްޕޯޓްސް އަދި ޑައިވް ސެންޓަރެއް ޤާއިމްކޮށް މީހުން ބިނާކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރިކަންވެސް އަމިތް ފާހަގަކުރިއެވެ. މި ހުވަފެން ހަގީގަތަކަށް ވުމަކީ އޭނާ މިއަދު އޭނާގެ އެންމެ ބޮޑު އުއްމީދެވެ.

އަމިތްއަކީ ދުނިޔޭގެ 22 ގައުމަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ޑައިވްކޮށް މޫދު ކުޅިވަރުތައް ތަޖްރިބާކޮށްފައިވާ ފަރާތެކެވެ. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކަނޑު އަޑީގެ މުއްސަނދިކަމާއި، ރީތިކަން ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވެއެވެ. ރާއްޖެއަކީ ޑައިވް ކުރުމާއި ވޯޓަރ ސްޕޯޓްސްއަށް އެއްވަނަ ގައުމުކަން ފާހަގަކުރަމުން އަމިތް ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ރާއްޖޭގެ ޑައިވަރުން ޑައިވް ކޮށްލުމުން ގިނަ މީހުން އަޖައިބުކުރުވާ ކަމަށެވެ. ސަބަބަކީ ޑައިވް ކުރުމުގައިވެސް ރާއްޖޭގެ މީހުން ގައިގައި އެފަދަ ހުނަރު ހުންނަކަން އެމީހުން ފާހަގަކުރުމެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އަމިތް ބުނި ގޮތުގައި ރާއްޖެ ނެގުމަށްފަހު ޑައިވް ކުރަން އެންމެ ރީތި މަންޒިލަކަށް ފެނިފައިވަނީ އިޖިޕްޓްގެ ޝަރުމުއްޝެއިޙްއެވެ. މޫދު ކުޅިވަރުގެ ތެރެއިން އަމިތް އެންމެ ޝައުގުވެރިވަނީ ކައިޓް ސަރފިންއަށް ކަން ފާހަގަ ކުރަމުން އޭނާ ބުނީ، އުއްމީދަކީ އިތުރު ގައުމުތަކަށްގޮސް އެކި އެކި މަންޒިލްތަކުގައި ޑައިވް އަދި މޫދު ކުޅިވަރުތައް ތަޖްރިބާކޮށްލުމަށެވެ.

އަމިތް ބުނީ މިފަދަ ފުރުޞަތެއްގައި އެންމެ ބޮޑަށް ޝުކުރުއަދާކުރަން ބޭނުންވަނީ މުހައްމަދު ރިޔާޒްއާއި، ހުސެއިން ނިމާލް، ވިލާ ކިއު އެޑްވެންޗަރގެ ނާފިޒް، އެކްޓިވް ޔާސް އަދި ސަބް އޯޝަނިކްގެ ޒަޔާން އަދި ފަރޫ އެވެ.
