ކ. މާފުށީގައި ބޭއްވި ފޯރިގަދަ އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން 923 ޕޮއިންޓް ހޯދައިގެން ޓީމް އެންޒީން ރޭ ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 14 ޓީމު ބައިވެރިވި މި މުބާރާތުގައި ޓީމުތަކުން މަސްވެރިކަމަށް ފުރީ އިއްޔެ މެންދުރުފަހު 2:15 ގައެވެ. ފޯރިގަދަ ވާދަވެރިކަމަކަށްފަހު ހުރިހާ ޓީމުތަކުން ވެސް މަސްވެރިކަން ނިންމާލުމަށްފަހު އެނބުރި މާފުއްޓަށް އައިސްފައިވަނީ ރޭ 9:00 ގައެވެ.

މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ 606.25 ޕޮއިންޓާއެކު ޓީމް ސްޓެލްކޯގެ ފިރިހެން ޓީމުންނެވެ. އަދި 597.75 ޕޮއިންޓާއެކު ތިންވަނަ މަގާމު އޭވިއަން ޓީމުން ހޯދިއިރު، އެއްވަނައަށް ދިޔަ ޓީމް އެންޒީއަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މީގެ އިތުރުން ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ޓީމަށް 5،000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ.

އުރީދޫން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ކާބަފައިންގެ ޒަމާންވީ މަސްވެރިކަމުގެ އާދަކާދަތައް ދިރުވައި އާލާކުރުމެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށްދޭ މަސްވެރިންގެ އީދެއްގެ ގޮތުގައި އެ ކުންފުނިން މި ހަރަކާތް ސިފަކުރެއެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވައި، އާންމުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މި މުބާރާތަށް އޮންނަ ތަރުހީބު ބޮޑުވަމުން އަންނައިރު، އަންނަ އަހަރު ބާއްވާ މަސްރޭހުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެކަން އުރީދޫން ވަނީ ހާމަކޮށްފައެވެ.