ރާއްޖޭގެ މުޅި ސަރަހައްދަށް ވެސް މަސްވެރިކަން ދަށްވެ، ރޯމަސް ލިބުން ދަތިވުމާ ގުޅިގެން މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ކަނޑައެޅި އަގަށްވުރެ އެއް ރުފިޔާގެ ކުރިއެރުމެކެވެ.

މަސް ކިލޯއަކަށް ކަނޑައެޅި އާ އަގަށް މިފްކޯގެ ސިނާއީ މަރުކަޒުތަކުންނާއި މަސް ކިރާ ބޯޓުތަކުން މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަދި ރަންދި ސީރީޒްގެ ބޯޓުތަކުން ހޮނިހިރު ދުވަހުން ފެށިގެން މަސް ގަންނަމުން ދަނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިކަން ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ވެސް ދައްކައެވެ. އެމްއެމްއޭގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 16،991 މެޓްރިކް ޓަނުގެ މަހެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 62 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ 70 ޕަސަންޓު ދަށްވެފައެވެ.

މިފްކޯއިން މިހާރު ބުނަމުން އަންނަނީ މަސް ގަންނަ އަގު ކަނޑައަޅަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބަލައިގެން ކަމަށެވެ. ނަމަވެސް، ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށާއި، ބޮޑު ކަންނެލި 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައި ގަތުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރެވެއެވެ.