ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތިން ހިދުމަތެއް ކަމަށްވާ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަކޮށް، ރައްޔިތުންނަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި މި ހިދުމަތްތައް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
މި ހިދުމަތްތައް ފެށުމުގެ ގޮތުން ހެލްތު މިނިސްޓަރު ވަނީ އެ ހޮސްޕިޓަލުގައި ނިއުރޯ ސައިންސް ޔުނިޓެއް ހުޅުވައިދެއްވާފައެވެ. ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ވެއިޓްލިސްޓު ކުޑަކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން މަދުކުރުން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިފަދަ ހާއްސަ ހިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ގާއިމުކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް އަލަށް ފެށި ހިދުމަތްތަކާއެކު ނިއުރޮލޮޖީގެ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ ހެދޭނެ ކަމަށާއި، ޔޫރޮލަޖީގެ ޓެސްޓުތައް ވެސް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގެސްޓްރޯގެ ކޮންސަލްޓޭޝަން ހިދުމަތް ފަށާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް ވެސް ފަށާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ނިއުރޯ ސައިންސް ޔުނިޓުގައި ހިމެނޭ އީއީޖީގެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު ދޭއް ޖެހުމާ ހަމައަށް ނަންނޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކު ވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ހިދުމަތްތައް ފުޅާކުރުމަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަތަރު އޮޕަރޭޓިން ރޫމް ހިމެނޭ ތިއޭޓާ ކޮމްޕްލެކްސްއެއްގެ އިތުރުން، 10 އެނދުގެ އައިސީޔޫއެއް އަދި 14 އެނދުގެ އެންއައިސީޔޫއެއް ވެސް އެ ހޮސްޕިޓަލުގައި ވަނީ ތަރައްގީކޮށްފައެވެ.
