އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ދާދި ފަހުން އުމުރުން 74 އަހަރުގެ އަންހެނަކު އައިވީއެފް މެދުވެރިކޮށް އެއްމާބަނޑު ދެ އަންހެން ކުދިން ވިހައިފިއެވެ. މިއީ އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހު އޭނާއަށް ލިބުނު ކުދިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މި އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ކުއްޖަކު ހޯދުމަށް މަސައްކަތް ކުރާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ނަމަވެސް ގުދުރަތީ ގޮތުން ކުއްޖަކު ނުލިބުމުގެ ސަބަބުން، އެ މީހުން ނިންމީ ޒަމާނީ ސިއްހީ ފަރުވާގެ އެހީތެރިކަން ހޯދުމަށެވެ. އެގޮތުން އައިވީއެފްގެ އެހީގައި ބަލިވެއިނުމަށް ފަހު، އޭނާ ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

އުމުރުން ދުވަސްވެފައިވާ މީހަކު ވިހެއުމަކީ އާންމުކޮށް ސިއްހީ ގޮތުން ނުރައްކާތައް ކުރިމަތިވާ ކަމަކަށް ވިޔަސް، މަންމަ އާއި ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ. އެތައް އަހަރަކަށް ފަހު މައިންބަފައިންނަށް ވުމުގެ ނަސީބު ލިބުމުން، އެ އާއިލާއަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

މި އާދަޔާ ހިލާފު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާ އާއި އާންމުންގެ ތެރޭގައި ވަނީ އާ ބަހުސެއް ފެށިފައެވެ. އެގޮތުން އުމުރުން މާ ބޮޑަށް ދުވަސްވުމަށް ފަހު ކުދިން ހޯދުމަކީ އެ ކުދިންގެ މުސްތަގުބަލަށާއި މައިންބަފައިންގެ ސިއްހަތަށް ކިހާ ރައްކާތެރި ކަމެއްތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، އައިވީއެފް ހެދޭނެ އެންމެ މަތީ އުމުރެއް ކަނޑައެޅުމާ މެދު ސިއްހީ މާހިރުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ. ބައެއް ގައުމުތަކުގައި އައިވީއެފް ހެދޭނެ ވަކި އުމުރެއް ކަނޑައެޅިފައި އޮތް ނަމަވެސް، އިންޑިއާގައި މިކަމަށް ހަރުކަށި ގާނޫނުތަކެއް ނެތުމުގެ ސަބަބުން މިފަދަ ހާދިސާތައް ދޭތެރެއަކުން ފެންނަމުންދާކަން ފާހަގަކުރެވެއެވެ.