ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ޕަބްޖީ މޮބައިލް ކޮންޓެންޓް ކްރިއޭޓަރު ފާރޫގު އަހުމަދު އުމުރުން 28 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޮންލައިންކޮށް 'ފާރޫގު އަހުމަދު ވައިޓީ' ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފާރޫގަކީ ޕާކިސްތާނުގެ ގޭމިން ކޮމިއުނިޓީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި ގާތްގަނޑަކަށް އެއް މިލިއަން ސަބްސްކްރައިބަރުން ތިބިއިރު، އޭނާ ވަނީ މި ދާއިރާއިން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

ޕަބްޖީ މޮބައިލްގެ ޕާޓްނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އައި ފާރޫގުގެ ކުއްލި މަރާ ގުޅިގެން ޕަބްޖީ ކުޅޭ މީހުންނަށާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ފާރޫގު މަރުވި ވަކި ސަބަބެއް އަދި ސާފުނުވި ނަމަވެސް، އޭނާގެ މަރާއެކު ގިނަ ބަޔަކު އަންނަނީ ހައިރާންކަން ފާޅުކުރަމުންނެވެ.

ފާރޫގު މަރުވުމާ ގުޅިގެން އޭނާއާއެކު މަސައްކަތްކުރި އެހެން ކޮންޓެންޓް ކްރިއޭޓަރުންނާއި ގާތް އެކުވެރިން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ހެޔޮ ދުއާ ފޮނުވައި ހިތާމަފާޅުކުރަމުންނެވެ. އަދި އޭނާގެ ހަނދާންތައް އާކޮށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

ޒުވާން އުމުރުގައި ފާރޫގު މި ދުނިޔެއާ ވަކިވެގެން ދިޔުމަކީ މުޅި ސޯޝަލް މީޑިއާ އަށާއި ގޭމިން ކޮމިއުނިޓީއަށް ލިބުނު ފުން ހިތާމައެކެވެ. އޭނާގެ މަރާއެކު އޭނާގެ ކޮންޓެންޓްތަކަށް ލޯބިކުރި އެތައް ހާސް ބަޔަކު މިވަގުތު ތިބީ ފުން ހިތާމައެއްގައެވެ.