ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާލިން ހާލަންޑު މަޝްހޫރު ތަރިއަކަށް ވުމުގެ މާ ކުރިން، އޭނާގެ ލޯބިވެރިޔާ އިޒަބެލް ހޯގްސެންގް ޖޯހަންސަން އާއެކު ފެށުނު ލޯބީގެ ގުޅުމަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ހާއްސަ ވާހަކައެކެވެ. މި ދެ މީހުންގެ ގުޅުން އެންމެ ފުރަތަމަ ފެށިފައިވަނީ ނޯވޭގެ ކުޑަ އަވަށެއް ކަމަށްވާ ބްރައިން އިން ކުޑައިރުގެ އެކުވެރިންގެ ގޮތުގައެވެ.
ހާލަންޑާއި އިޒަބެލް އެންމެ ފުރަތަމަ ބައްދަލުވީ އެ މީހުންގެ އުފަން އަވަށް، ބްރައިންގެ ލޯކަލް ފުޓުބޯޅަ ކްލަބް ކަމަށްވާ ބްރައިން އެފްކޭ އިންނެވެ. ކުޑައިރުއްސުރެ ދެނެފަރިތަ މި ދެ މީހުންގެ މެދުގައި އޮތް އެކުވެރިކަން، އަހަރުތަކެއް ފަހުން ވަނީ ލޯބީގެ ގުޅުމަކަށް ބަދަލުވެފައެވެ. އެއީ ހާލަންޑުގެ ނަން މުޅި ދުނިޔެއަށް މަޝްހޫރުވުމުގެ މާ ކުރިއެވެ.
ހާލަންޑުގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ ޒަލްޒްބާގާއި ބޮރޫޝިއާ ޑޯޓްމަންޑުގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެހެން ނަމަވެސް، ހާލަންޑަށް ލިބެމުންދިޔަ ބޮޑު މަޝްހޫރުކަމާއެކު ވެސް، އިޒަބެލް ހިޔާރުކުރީ މީޑިއާ އާއި ކެމެރާތަކުގެ ސަމާލުކަމާ ދުރުގައި އާދައިގެ ދިރިއުޅުމެއް އުޅުމަށެވެ. އެގޮތުން އެ މީހުންގެ އަމިއްލަ ގުޅުން ސިއްރުކޮށްގެން ބޭއްވުމަށް ދެ މީހުން ވެސް ވަރަށް ބޮޑަށް އިސްކަންދެއެވެ.
ޕްރިމިއާ ލީގުގެ ކާމިޔާބީތަކާއި، މުގުރާލި ރެކޯޑުތަކުގެ އިތުރުން ހާލަންޑުގެ ކެރިއަރުގެ އެންމެ ހާއްސަ ވަގުތުތަކުގައި ވެސް އޭނާއަށް ހިތްވަރު ދިނުމަށް އެންމެ ކައިރީގައި އަބަދުވެސް ހުރީ އިޒަބެލްއެވެ. ދުނިޔޭގެ ފެންވަރުގައި ހާލަންޑު ފާހަގަކުރެވެމުން ދިޔަސް، އިޒަބެލް އަކީ އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަޕޯޓަރެވެ.
މަޝްހޫރުކަމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ބަދަލުވެގެންދާ މި ޒަމާނުގައި، ހާލަންޑާއި އިޒަބެލްގެ ވާހަކަ ހާއްސަވަނީ ކެމެރާތަކާއި ހަބަރުތަކުގެ ފަލަސުރުހީތަކަށް އެރިއިރު ވެސް އެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީއެވެ. އިޒަބެލްއަކީ ހާލަންޑު ދުނިޔޭގެ ފުޓުބޯޅައިގެ ތަރިއަކަށް ވުމުގެ މާ ކުރިން ވެސް އޭނާ ރަނގަޅަށް ދަންނަ، އަދި އޭނާއާއެކު ސާބިތުވެ ހުރި ހާއްސަ ފަރާތެކެވެ.
