ސައިންސްވެރިން ކުރި އާ ދިރާސާއަކުން، އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކޮށްދީ، މުސްކުޅިވުން ލަސްކޮށްދޭ ފަދަ ހާއްސަ މާއްދާއެއް ހޯދައިފިއެވެ. މޭބިސްކަދުރުގެ އޮށުން ނަގާފައިވާ "ޕީސީސީ1" ނަމަކަށް ކިޔާ މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ މުސްކުޅި ސެލްތައް ނައްތާލައި، ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވެދޭނެ އެއްޗެއްކަން މިހާރު ވަނީ ސާބިތުވާން ފަށާފައެވެ.

ޖަނަވާރުން ބޭނުންކޮށްގެން މިހާތަނަށް ކުރި ޓެސްޓުތަކުން މި މާއްދާގެ ކާމިޔާބުކަން ވަނީ ވަރަށް ބޮޑަށް ފެނިފައެވެ. އެގޮތުން، މުސްކުޅި މީދަލުގެ ގަޔަށް ޕީސީސީ1 އިންޖެކްޝަން ޖެހުމުން، އޭގެ ހަށިގަނޑުގެ ބާރުގަދަވެ، އުމުރު ވަރަށް ބޮޑަށް ދިގުވިކަން ސައިންސްވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ ސަބަބުން ސިކުނޑިއާއި، ކިޑްނީ އަދި މަސްތަކުގެ ސެލްތައް އާވެ، ހަށިގަނޑުގެ ގުނަވަންތައް ވަރަށް ބޮޑަށް ޒުވާންވިކަން ވެސް ވަނީ ދެނެގަނެވިފައެވެ.

މި މާއްދާ މަސައްކަތްކުރާ ގޮތަށް ބަލާއިރު، މިއީ ހަށިގަނޑުގައި އުފެދޭ "ސެނެސެންޓް" ނުވަތަ މުސްކުޅި ސެލްތައް ހޯދައި އަމާޒުކޮށްގެން ނައްތާލާ އެއްޗެކެވެ. އާންމުގޮތެއްގައި މިފަދަ ސެލްތަކަކީ އޭގެ އަމިއްލަ ޒާތުގައި މަސައްކަތް ހުއްޓިފައިވާ ސެލްތަކަކަށް ވިޔަސް، އޭގެ ސަބަބުން ކައިރީގައި ހުންނަ އެހެން ސެލްތަކަށް ގެއްލުންދީ މުސްކުޅިވުން އަވަސްކުރުވައެވެ. ނަމަވެސް ޕީސީސީ1 ގެ ސަބަބުން މި މައްސަލަ ހައްލުކޮށްދީ، ހަށިގަނޑު އެތެރެއިން ޒުވާންކޮށް ބަހައްޓައިދެއެވެ.

މި ހޯދުމާ ގުޅިގެން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ މުސްކުޅިވުން ހުއްޓުވާ ބޭސްގުޅައެއް އުފެއްދުމަށް އެޅުނު ފުރަތަމަ ހަގީގީ ފިޔަވަޅު ކަމަށެވެ. ފައިނޭންޝަލް އެކްސްޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން، ޗައިނާގެ ބައެއް މީޑިއާތަކުން ވަނީ މިއީ އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކޮށްދޭނެ ތަޅުދަނޑި ކަމަށް ސިފަކޮށްފައެވެ.

ޖަނަވާރުތަކުގައި ކުރި ޓެސްޓުތައް ކާމިޔާބުވުމާއެކު، އިންސާނުންގެ ގައިގައި މި މާއްދާ ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކްލިނިކަލް ޓްރަޔަލްސް ވެބްސައިޓުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ ޓެސްޓުގައި މައިގަނޑު ގޮތެއްގައި ބަލާނީ މީގެ ރައްކާތެރިކަމަށާއި ހަންގަނޑު ޒުވާންކޮށްދޭ މިންވަރަށެވެ. މިއީ ސައިންސްގެ ދުނިޔޭގައި އިންސާނުންގެ ސިއްހަތާއި އުމުރާ ގުޅޭގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ލަވާލާ: ސައިންސް ޑެއިލީ 2026