ރާއްޖޭގެ ތަރައްގީގައި ދިވެހި އިންޖިނޭރުންގެ ދައުރު ބޮޑުކަމަށާއި، ސަރުކާރުގެ އަމާޒަކީ އިންޖިނިއަރިން ދާއިރާގައި ހަމައެކަނި ދިވެހިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ އިންޖިނިއަރިން ދާއިރާގައި ބިދޭސީން ގިނަވުމުގެ ސަބަބުން ވަޒީފާ ހޯދުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ދިވެހި ޒުވާނުން ކިޔަވައިގެން ނުކުތުމުން ވަޒީފާ ނުލިބޭނެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށާއި، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީއަށް ބަލާއިރު ވަރަށް މުހިންމު އެކި ކަހަލަ އިންޖިނިއަރިން ފީލްޑްތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ހިދުމަތް ކުރަން. ބޭރުމީހުންނެއް ނޫން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ރާއްޖޭގެ ހުރިހާ އިންޖިނިއަރިން ދާއިރާތަކުން މަސައްކަތްކުރަން،" ރައީސް ވިދާޅުވިއެވެ.

އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން، ހައި އެޗީވާސް ސްކޮލަޝިޕާއި މަތީ ތައުލީމަށް ދޫކުރާ ލޯނުތަކުގައި ވެސް މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިކަމުގެ ސަބަބުން ޔުނިވަސިޓީތަކުން ކިޔަވާ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޖިނޭރުންގެ ދުވަހެއް ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި ފާހަގަކުރަން ފެށީ ވެސް މި ސަބަބަށްޓަކައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސްކޫލް ނިންމާ ދަރިވަރުން މި ދާއިރާއަށް ވަނުމަށް ހިތްވަރުދީ، ރާއްޖޭގެ އުމްރާނީ ތަރައްގީގައި ދިވެހިންގެ ހިއްސާ ބޮޑުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.