ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުން އަންނަ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތައް މެދުނުކެނޑި ބޭނުންވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމަށް އެ އެޖެންސީން އަންގައިފިއެވެ. މިއީ އެންމެ އެކަށީގެންވާ ގޮތެއްގައި، އެހީ ހައްގުވާ މީހުންނަށް މި ފައިސާ ފޯރުކޮށްދިނުމުގެ ބޭނުމުގައި އެންސްޕާއިން ނިންމި ނިންމުމެކެވެ.
އާންމު ގަވާއިދުގެ ދަށުން އެންސްޕާއިން މި އެހީތައް ދެމުން އަންނަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ އޮފީހުން ބުނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ދެ އަހަރުގެ މުއްދަތު ހަމަވާ މީހުން، އެހީ ކުރިއަށް ގެންދަން ބޭނުންވާނަމަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އާ ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ފޯމު ހުށަނާޅައިފިނަމަ، ދެން އެހީ ލިބޭނީ އަލަށް ފޯމުލައިގެން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހުގައި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އެންސްޕާއިން ދޭ މާލީ އެހީތަކުގެ ތެރޭގައި ހިމެނެނީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެހީ އާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ އިތުރުން ފަގީރުންނަށް ކާބޯތަކެތި ގަތުމަށް ދޭ އެހީއެވެ. މި އެހީތަކަށް ދައުލަތުން ކޮންމެ މަހަކުވެސް ބޮޑު ހޭދައެއް ކުރެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިންނަށް އެންސްޕާއިން ވަނީ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި އެހީ 3،313 މީހަކަށް ދީފައިވާއިރު، މިއީ 5،687 ކުދިންނަށް ދެވުނު އެހީއެވެ. އަދި މިދިޔަ މަހު މުޅިން އަލަށް އެކަނިވެރި މައިން ނުވަތަ ބަފައިންގެ ގޮތުގައި 112 މީހަކު ރަޖިސްޓަރީކޮށްފައިވެއެވެ.
މީގެ އިތުރުން، އެހެން މީހުން ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ ދަށުން މިދިޔަ މަހު 98 ބެލެނިވެރިއަކަށް ފައިސާ ދޫކޮށްފައިވެއެވެ. އެއީ 132 ކުއްޖަކަށް ހަރަދުކުރި 181،000 ރުފިޔާއެވެ. ހަމައެއާއެކު، ފަގީރު ހާލަތުގައި ދިރިއުޅޭ 659 މީހަކަށް ކާބޯތަކެތި ގަތުމަށްޓަކައި 26،360 ރުފިޔާ އެންސްޕާއިން މިދިޔަ މަހު ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
