ނިދަން އުނދަގޫވާ މީހުން ގިނަ ދުވަސްތަކެއް ވަންދެން "މެލަޓޮނިން" ސަޕްލިމެންޓް ބޭނުންކުރުމަކީ ހިތުގެ މަސައްކަތް ހުއްޓޭ ބަލި (ހާޓް ފެއިލިއަރ) ޖެހުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވާ ކަމެއްކަން އެމެރިކަން ހާޓް އެސޯސިއޭޝަންއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. ނިދުމުގެ މައްސަލަތަކަށް ބޭނުންކުރާ މި ސަޕްލިމެންޓަކީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި އައުމަށް މި ކަންތައް ވެގެންގޮސްފައިވަނީ ބޮޑު ހައިރާން ކަމަކަށެވެ.

​މި ދިރާސާއިން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 5 އަހަރުގެ މުއްދަތަކަށް ބެލިއިރު، ދިގު މުއްދަތަކަށް މެލަޓޮނިން ބޭނުންކުރި މީހުންގެ ހިތުގެ މަސައްކަތް ހުއްޓުމުގެ ނުރައްކާ، އެ ސަޕްލިމެންޓް ބޭނުންނުކުރާ މީހުންނަށްވުރެ 90 އިންސައްތަ އިތުރެވެ. މި ހޯދުމުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން މެލަޓޮނިން ބޭނުންކުރުމުގެ ރައްކާތެރިކަމާމެދު މިހާރު ވަނީ ސައިންސްވެރިންގެ މެދުގައި ސުވާލުތައް އުފެދިފައެވެ.

​ނަމަވެސް، މި ދިރާސާ ކުރި ރިސާޗަރުން ފާހަގަކުރާ ގޮތުގައި، މި ހޯދުމަކީ މެލަޓޮނިން ބޭނުންކުރުމާއި ހިތުގެ ބައްޔާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ދިރާސާއެކެވެ. މިއީ ސީދާ މެލަޓޮނިންގެ ސަބަބުން ހިތަށް ލިބޭ ގެއްލުމެއްކަން އަދި ކަށަވަރެއް ނުވެއެވެ. ސަބަބަކީ ރަނގަޅަށް ނުނިދުން ނުވަތަ ނަފްސާނީ އެހެން މައްސަލަތަކުގެ ސަބަބުންވެސް ހިތުގެ ބަލިތަކަށް މަގުފަހިވެދާނެތީއެވެ.

​މިކަމާ ގުޅިގެން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ، ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ދިގު މުއްދަތަކަށް ނިދާ ބޭސް ނުވަތަ މެލަޓޮނިން ފަދަ ސަޕްލިމެންޓްތައް ބޭނުންނުކުރުމަށެވެ. އަދި ނިދުމުގެ މައްސަލަތައް ހުންނަ ނަމަ، އޭގެ އަސްލު ސަބަބު ދެނެގަނެ، ގުދުރަތީ ގޮތުން ނިދުމުގެ އާދަތައް ރަނގަޅުކުރުމަށް އިސްކަންދިނުން މުހިންމެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.