އާޚިރު ޒަމާނުގައި ފާޅުވާނެ މަސީޙުއް ދައްޖާލުގެ ފިތުނައަކީ އިންސާނިއްޔަތު ދެކޭނެ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އިމްތިޙާނެވެ. އިސްލާމީ ޢިލްމުވެރިޔާ ޑރ. ޔާސިރު ޤާޟީ އާޚިރު ޒަމާނުގެ ނިޝާންތަކާ ބެހޭގޮތުން ދެއްވާފައިވާ ދަރުސްތަކުގައި ބަޔާންކުރައްވާ ގޮތުގައި، ދައްޖާލު އަމިއްލައަށް އިންސާނެއްގެ ސިފައިގައި ފާޅުވުމުގެ ކުރިން، އޭނާގެ ފިތުނައާއި އޭނާގެ ނިޒާމުގެ އަސަރުތައް ދުނިޔޭގައި ޢާންމުވެގެންދާނެއެވެ. މިގޮތުން އިޖުތިމާޢީ، އަޚްލާޤީ އަދި ފިކުރީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކަކީ ދައްޖާލުގެ ޒަމާނަށް މަގުކޮށައިދޭ ނިޝާންތަކެއް ކަމުގައި ބެލެވެއެވެ.

މިއަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ޙައްޤާއި ބާޠިލު އޮޅުންބޮޅުންވެ، ޙަޤީޤަތް އޮޅުވާލުމުގެ ވަސީލަތްތައް ވަނީ އިންތިހާއަށް ކުރިއަރާފައެވެ. ދައްޖާލުގެ އެންމެ ބޮޑު ސިފައަކީ އޮޅުވާލުމާއި، ނުބައި ކަންތައްތައް ރަނގަޅު ކަންކަމުގެ ގޮތުގައި ދެއްކުމެވެ. މިއަދުގެ މީޑިއާއާއި، މާއްދިއްޔަތަށް ލޯބިކުރުމާއި، އަދި އިލާހީ ޙުކުމްތަކާ ދެކޮޅަށް އުފެދެމުންދާ ފިކުރުތަކަކީ ދައްޖާލީ ނިޒާމުގެ ބިންގާ ކަމުގައި ޢިލްމުވެރިން ސިފަކުރައްވައެވެ. މިފަދަ ވަގުތެއްގައި އިންސާނާގެ އީމާންކަން ސަލާމަތްކުރުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ.

އަދި މީގެ އިތުރުން، އާޚިރު ޒަމާނުގައި މީސްތަކުންގެ ދީނީ ޢިލްމު ކުޑަވެ، ފާފަތަކަށް އަރައިގަތުން ޢާންމުވެ، މާތް ﷲ ދެއްވި ނިޢުމަތްތަކަށް ކާފަރުވުން ބޮޑުވެގެންދާނެއެވެ. ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސާފު ތައުޙީދުގެ މަތީގައި ސާބިތުވެ ތިބުމާއި، ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓުމެވެ. މާތް ﷲ ސޫރަތުލް ކަހްފް ގައި ވަޙީ ކުރައްވާފައިވެއެވެ: ﴿إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا﴾ (سورة الكهف: 7) "ހަމަކަށަވަރުން، ބިމުގެ މަތީގައިވާ ތަކެތި ތިމަންރަސްކަލާނގެ ލެއްވީ، އެބިމަށް ޒީނަތްތެރިކަމެއް ކަމުގައެވެ. އެއީ އެއުރެންގެ ތެރެއިން އެންމެ ޢަމަލު ރަނގަޅީ ކާކުކަން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ."

މި އާޔަތުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެހާ ޒީނަތްތަކާއި އިމްތިޙާނުތަކަކީ އިންސާނާގެ އީމާންކަން ވަޒަންކުރުމަށްޓަކައި ލައްވާފައިވާ ތަކެއްޗެވެ. ޑރ. ޔާސިރު ޤާޟީ ފާހަގަކުރައްވާ ގޮތުގައި، ދައްޖާލު އަންނާނީވެސް މިފަދަ މާއްދީ ސިފަތަކާއި ވަސީލަތްތަކާއެކު މީސްތަކުންގެ އީމާންކަން ވަޒަންކުރުމުގެ ބޮޑު އިމްތިޙާނެއްގެ ގޮތުގައެވެ. ދުނިޔޭގެ އެދުންތަކުގެ ތެރެއަށް ގެނބިގެންދާ މީހާއަށް ދައްޖާލުގެ މަގުފުރެދުމުގެ ތެރެއަށް ވަދެވިގެންދާނެއެވެ.

އެހެންކަމުން، ދައްޖާލުގެ ޒަމާން މިހާރުވެސް ފެށިފައިވާކަމުގެ އިޙްސާސް ކުރެވޭ މި ދަނޑިވަޅުގައި، މުސްލިމުންގެ މައްޗަށް އޮތީ ރޫޙާނީ ގޮތުން ތައްޔާރުވުމެވެ. ކޮންމެ ހުކުރު ދުވަހަކު ސޫރަތުލް ކަހްފް ކިޔެވުމާއި، ނަމާދުތަކުގެ އަައްތަޙިއްޔާތުގެ ފަހަތުގައި ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުންެ އެދި ދުޢާކުރުން ގިނަކުރަންޖެހެއެވެ. ހަމައެހެންމެ، ތިމާގެ އަޚްލާޤާއި އީމާންކަން ވަރުގަދަކޮށް، ޙައްޤު މަގުގައި ސާބިތުވެ ހުރުމަކީ މި ފިތުނަތަކުން ސަލާމަތްވުމަށް އޮތް އެންމެ އަލިގަދަ މަގެވެ.

ހަވާލާ: ޑރ. ޔާސިރް ޤާޟީގެ ދަރުހަކުން 2026.