ޖަޕާނުގައި މީހުން ނުދިރިއުޅޭ ނުވަ މިލިއަން ގެ ހުރިއިރު، ރަށްރަށް ފަޅުވިޔަ ނުދީ މީހުން އާބާދުކުރުމުގެ މަގުސަދުގައި އެ ގައުމުގެ ބައެއް ރަށްރަށުން މިހާރު އަންނަނީ މުޅިން ހިލޭ ގެތައް ދޫކުރަމުންނެވެ.


މިއީ ހިލޭ ދޭ ގެތަކެއް ނަމަވެސް، މި ގެތައް ދޫކުރަނީ ވަރަށް ހަރުކަށި ޝަރުތުތަކަކާ އެކުގައެވެ. މިގޮތުން، ގެ ލިބޭ މީހާ އެ ގޭގައި ދިރިއުޅެން މަޖުބޫރުވާއިރު، އެހެން މީހަކަށް އެ ގެ ވިއްކާލެވޭނީ ވެސް ކަނޑައެޅޭ ވަކި އަހަރުތަކެއް ވަންދެން އެތަނުގައި އުޅުމަށްފަހުގައެވެ. މީގެ އިތުރުން މިއީ ގިނަ ދުވަސްތަކެއް ވަންދެން ފަޅަށް ހުރި ގެތަކަކަށް ވާތީ، ގެއަށް ވަނުމުގެ ކުރިން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހެއެވެ.


ގެ ހިލޭ ލިބުނު ކަމުގައި ވިޔަސް، ގޭގެ ރަޖިސްޓްރީ ހެދުމާއި އެކަމާ ގުޅޭ ޓެކްސްތަކުގެ އިތުރުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމަށް ފައިސާ ހަރަދުކުރަން ޖެހެއެވެ. އެހެންކަމުން މިފަދަ ގެއެއް ހޯދުމަށް ފައިސާ ހަރަދުކުރަން ނުޖެހުނު ނަމަވެސް، މަރާމާތަށާއި ގާނޫނީ ކަންކަމަށް ކުރަންޖެހޭ ހަރަދަކީ ގެ ގަންނަ މީހާގެ އަސްލު ބަޖެޓެވެ.


މި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ރަށްރަށުން މަސައްކަތް ކުރަނީ ގެއެއް ވިއްކާލާކަށް ނޫނެވެ. "އެމީހުން އެ ހޯދަނީ އެ ރަށުގައި އުޅޭނެ އާ އަވަށްޓެރިއެއް،" މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތެއްގައި ބުންޏެވެ.


ޖަޕާނުން ބޭރުގެ ގިނަ ބަޔަކަށް ނޭނގޭ އެންމެ ބޮޑު ސިއްރަކީ މިއީ ބިދޭސީންނަށް ވެސް ލިބެން އޮތް ފުރުސަތަކަށް ވުމެވެ. ވިސާއެއް ނުވަތަ ސަރުކާރުގެ ހާއްސަ ހުއްދައަކާ ނުލައި ބިދޭސީންނަށް ވެސް މި ގެތަކާއި ގޯތީގެ މިލްކުވެރިކަން އުމުރަށް ހޯދިދާނެއެވެ. މިކަމަށް ރަނގަޅަށް ސަމާލުކަންދީގެން ގެއެއް ހޯދައިފިނަމަ، އަމިއްލަ ގައުމުގައި ބޭނުންކޮށްފައި އޮންނަ ކާރެއް ގަންނަން ލިބޭ އަގަށްވުރެ ހެޔޮކޮށް ޖަޕާނުން ގެއެއް މިލްކު ކުރެވޭނެއެވެ.