ބްރެޒިލްގައި އުމުރުން 19 އަހަރުގެ އަންހެނަކު އެއްމާބަނޑު ދެކުދިން ވިހާފައިވާއިރު، އެ ދެކުދިންގެ ބައްޕައިންނަކީ ދެ މީހެއްކަން ކަށަވަރުވެއްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ، ފަހުގެ ރިޕޯޓުތައް ބުނާގޮތުން އެއް ދުވަހެއްގެ ތެރޭގައި ދެ ފިރިހެނަކާ އެކު އެ އަންހެންމީހާ ގުޅުން ހިންގުމުގެ ސަބަބުންނެވެ.
މިކަން ޔަގީންވެފައިވަނީ ކުދިން ވިހެއުމަށްފަހު ހެދި ޑީއެންއޭ ޓެސްޓުތަކުންނެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން، އެއްމާބަނޑު ދެކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ވެސް ބަޔޮލޮޖިކަލް ބައްޕައަކީ ތަފާތު ދެ މީހެކެވެ. މިއީ އާންމުކޮށް ފެންނަ ކަމަކަށް ނުވާތީ، ޑޮކްޓަރުންނަށް ވެސް މިކަން ވެގެން ދިޔައީ ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ސައިންސްގެ ގޮތުން މިކަމަށް ކިޔަނީ "ހެޓެރޯޕެޓާނަލް ސުޕަފެކަންޑޭޝަން" އެވެ. މިއީ އަންހެންމީހާގެ މައްސަރުގެ ދުވަސްވަރު ދެ ބިސް އުފެދި، އެ ދެ ބިސް ތަފާތު ދެ ފިރިހެނެއްގެ ދަރިފަނިން ފާޓިލައިޒްވުމުން ދިމާވާ ކަމެކެވެ. މިއީ އިންސާނުންގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުހިނގާނެ ކަމެއް ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
މިފަދަ ހާދިސާތަކަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ނާދިރު ކަމެކެވެ. މިހާތަނަށް މުޅި ދުނިޔެއިން ވެސް ރެކޯޑުކުރެވިފައިވަނީ މިފަދަ އެންމެ 20 ވަރަކަށް ކޭސް ކަމަށް ސިއްހީ ދާއިރާގެ ރިޕޯޓުތަކުން ދައްކައެވެ. އެހެންކަމުން ބްރެޒިލްގައި ހިނގި މި ހާދިސާ ވެފައިވަނީ ސައިންސްވެރިންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަކަށެވެ.
މި ދެކުދިންގެ ސިއްހަތު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އެއްމާބަނޑު ދެކުދިންގެ ސިފަތަކުގައި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، ދެ ބައްޕައެއްގެ ޑީއެންއޭ އެކުލެވޭތީ، ބޮޑުވަމުން އަންނަ ވަރަކަށް ކުދިންގެ ސިފަތަކުން ތަފާތުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ނާދިރު ހާދިސާއާއެކު މި އާއިލާއަށް ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިފައެވެ.
